2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، ބޭރުގެ ރިޒާވް، 395.4 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.
އެގޮތުން މަރުކަޒީ ބޭންކު އެމްއެމްއޭ އިން ޝާއިއު ކުރި 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވާ ގޮތުގައި މިއީ މި އަހަރުގެ ޖޫން މަހު ހުރި 509.2 މިލިއަން އެމެރިކާ ޑޮލަރާއި 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ހުރި 594.1 މިލިއަން އެމެރިކާ ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
އެގޮތުން މިއީ ކުރީ އަހަރާ އަޅާބަލާއިރު 33 އިންސައްތައިގެ ދަށްވުމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ މާޗު މަހު ދިވެހިރާއްޖޭގެ ޖުމްލަ އާމްދަނީ (ހިލޭ އެހީ ނުހިމަނައި) 20 އިންސައްތަ އިތުރުވެފައިވެއެވެ. މިގޮތުން އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ 671.1 މިލިއަން ރުފިޔާ އިތުރުވުމުގެ ސަބަބުންކަން ފާހަގަ ކުރެވެއެވެ.
އަނެއްކޮޅުން، ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 117.1 މިލިއަން ރުފިޔާ ވަނީ ދަށްވެފައިވެއެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދުތައް 6 އިންސައްތަ ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން އެމްއެމްއޭގެ ރިޕޯޓުއިން ކެޕިޓަލް ޚަރަދުތައް 444.5 މިލިއަން ރުފިޔާއިން ދަށްވެފައިވާކަން ހާމަވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އައި އެތައް ތަރައްގީގެ މަޝްރޫއެއް ވަނީ މި ސަރުކާރުން މަޑު ޖައްސާލާ ނުވަތަ ހުއްޓާލާފައިވާކަން ފާހަގަ ކުރެވެއެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ސަރުކާރުގެ ދަރަނި އަދިވެސް އޮތީ ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ ދަރަނި (ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި) 112.2 ބިލިއަން ރުފިޔާގައި ހުރިކަން ފާހަގަކުރެވެއެވެ.
އެމްއެމްއޭ އިން ބުނާގޮތުގައި އަހަރުގެ ފެށުނީއްސުރެ ޖުލައިގެ ނިޔަލަށް ބަލާއިރު، ޖުމްލަ އެކްސްޕޯޓް 8 އިންސައްތަ އަށް ދަށްވެފައިވާއިރު، ޖުމްލަ އިމްޕޯޓް 4 އިންސައްތަ އަށް އިތުރުވެފައިވެއެވެ.
އެކްސްޕޯޓް ދަށްވެފައިވާ ސަބަބުތަކުގެ ގޮތުގައި އެމްއެމްއޭއިން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ރާއްޖޭގައި އުފައްދާ ތަކެތީގެ އެކްސްޕޯޓް ދަށްވުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް ގަނޑުކޮށްފައިވާ ކަޅުބިލަމަހާއި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްފައިވާ މަސް އެކްސްޕޯޓް ދަށްވުމުގެ ސަބަބުންނެވެ.