ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
އޭނާ އެމަގާމަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ހަވާލުކޮށްދެއްވާފައެވެ. ފަތްކޮޅު ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އައްބާސަަށް ރުހުން ދޭން ޖުޑީޝީއަރީ ކޮމިޓީއިން ނިންމީ އިދިކޮޅު މެމްބަރުންގެވެސް ވޯޓާ އެކުއެވެ. އެގޮތުން ޖުޑިޝަރީ ކޮމިޓީއަށް އައްބާސް ހާޒިރުކޮށް ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށްފަހު އޭނާއަށް 93.91 ޕަސަންޓް މާކްސް ދީފައިވެއެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރުމަށް ރުހުން ދީފައި ވަނީ 85 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވޯޓް ދިން މެންބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އޭނާ ޕީޖީގެ މަގާމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގެ ވޯޓު މަޖިލީހުގެ ތަޅުމުގައި ނަގައި ޕީޖީކަމުން ޝަމީމު ދުރުކުރަން މަޖިލީހުން ފާސްކުރިއެވެ.
ޕީޖީގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފޮނުއްވާފައިވަނީ އައްބާސްގެ ނަންފުޅެވެ.
ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.