February 22, 2026
Advertisement
މާލީ ވަޒީރު ޝަފީގު
މާލީ ވަޒީރު ޝަފީގު / އެޑިޝަން.އެމްވީ

ޚަރަދުބަރަދާ އާމްދަނީގެ ހިސާބުތައް އާންމުނުކުރާތާ ތިން މަސްވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 27, 2024, 05:55 PM
މާލެ ސިޓީ

ދައުލަތުގެ ހަރަދުބަރަދާއި އާމްދަނީގެ ހިސާބުތައް އާންމުނުކުރާތާ ތިން މަސް ދުވަސްވެއްޖެއެވެ.

Advertisement

ދައުލަތުގެ ހަރަދުތަކުގެ ތަފުސީލުތައް އާންމުކުރާ ދެ އިދާރާއަކީ ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީކަމަށްވާއިރު، ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރަމުން އައި ދައުލަތުގެ ހަރަދުބަރަދާއި އާމްދަނީގެ ހިސާބުތައް އެ މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވަނީ މާޗު މަހުގައެވެ. އޭގެ ފަހުން މަހުން މަހަށް ނެރެމުން އައި ރިޕޯޓު ނެރެފައިނުވެ އެވެ. ނަމަވެސް ހަފުތާއަކު އެއްފަހަރު ނެރެމުންދިޔަ ރިޕޯޓު ފާއިތުވި ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ނެރުނެވެ.

އެމްއެމްއޭއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ތަފާސްހިސާބުތަކުގެ ތެރޭގައި ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފުސީލުތައް އާންމުކުރަމުން ގެންދާއިރު އެންމެ ފަހުން އެމްއެމްއޭއިން އެ ރިޕޯޓު ނެރެފައިވަނީ ވެސް މާޗު މަހުގެ ތެރޭގައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ނެރުނު ރިޕޯޓަށްފަހު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވަނީ ހިސާބުތައް އެއްކޮށް އޭގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާތީ ހަފުތާއަކު އެއްފަހަރު ނެރޭ ފިސްކަލް ހިސާބުތަކުގެ ރިޕޯޓު ދެން ނެރޭނީ ޖުލައި މަހުގެ ފަހު ހަފުތާގައި ކަމަށެވެ.

ނަމަވެސް ޖުލައި މަހުގައި އަދި އޯގަސްޓު މަހާއި ހިނގަމުންދާ ސެޕްޓެންބަރު މަހުގައިވެސް އެ ރިޕޯޓު ނެރެފައިނުވެއެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ހަމަ މައުލޫމާތުތަކެއް ދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ދިނުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލީ ހިސާބުތައް ގަވައިދުން އާންމުކުރަން ފަށާނީ މިހާރު އެކުލަވައިލާފައިވާ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓާއި ދަރަނީގެ ސްޓްރެޓެޖީ އާއްމުކުރުމަށް ފަހުގަ އެވެ. އެހެން ނަމަވެސް އެ ރިޕޯޓްތައް އާއްމުކުރާނެ އިރެއް ވެސް ވިދާޅުވެ ދެއްވާފައި ނުވެއެވެ.

ކޮންމެ ހަފްތާއަކު އާންމުކުރާ ދައުލަތުގެ މާލީ ހިސާބުތައް އާންމުކުރުން ހުއްޓާލީ ގައުމުގެ މާލީ ހާލަތު ރައްޔިތުންނަށް ސިއްރުކުރުމުގެ ނިޔަތުގައި ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved