ނިމިދިޔަ ސަރުކާރުގައި، ގިނަ ކަންކަން ރައްޔިތުންނަށް ސިއްރުކުރަމުން ގެންދިއުމުން އޭރު އިދިކޮޅުގައި ތިބެ ޕިޕީއެމް/ޕީއެންސީއިން ގެންދިޔައީ ނުހަނު ފާޑުކިޔަމުންނެވެ. ރަތް މަހަށް ނުގޮވާހާ އެއްޗެހި ގޮވަމުންނެވެ.
ޚާއްސަކޮށް އިންޑިއާއެކު ވެފައި ހުރި ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ އިހުތިޖާޖުކޮށް މަގުތައް މައްޗަށް ނުކުމެ އަޑުގަދަކޮށް ހެދިއެވެ. އެ އެގްރިމަންޓުތަކުގައި ހުރި އެއްޗެއް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް ބުނަމުން ދިޔައެވެ.
ޖަވާބުގައި ސަރުކާރުން ބުނަމުން ދިޔައީ އެ އެގްރިމަންޓުތައް ހާމަނުކުރެވޭނެ ކަމަށާ އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ.
އެކަމަށް ރައްދު ދެމުން ދެން މިއައީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރެވެ. ދިވެހީންގެ ރާއްޖެޔޯލައެވެ. ސިއްރުކުރާނެ އެއްވެސް ކަމެއް ނޯންނާނެޔޯ ބުނަމުންނެވެ. ސިއްރު އެގްރިމަންޓުތައް ވެސް މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ހާމަކުރާނެ ކަމަށް ބުނަމުންނެވެ.
ނަމަވެސް ވެރިކަމަށް އައިސް މަޖިލިސް ވެސް ލިބުމުން މަޖިލީހުގެ ތެރެއިން އެކަންކަން ކުރަން އުޅުނު މެމްބަރުންގެ އަގައިގައި ޓޭޕު އަޅައިފިއެވެ. މީގެ ކުރިން އިންޑިއާ އައުޓު ނުވެގެން ދެފަޔަށް ހިނި އަރައިގެން ބޮޑެތި އާޓިކަލްތައް ލުޔެ އުޅުނު ނޫސްވެރިން މިއަދު ގެއްލިއްޖެއެވެ. މަގާމުތަކާ މެމްބަރުކަން ލިބުމުން ދުލާ ގަލަމުގައި ތަޅު އެޅުވިއްޖެއެވެ.
ހާމަކަން ބޮޑު ސަރުކާރެއް ހިންގާނެ ކަމަށާ ނޫސްވެރިން އެއްވެސް މައުލޫމާތެއް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށް ބުނި ސަރުކާރުގައި ނޫސްވެރިން އުޅެން ޖެހެނި ތަރުޖަމާނު ކަމަނާ ފޯނު ނުނަގައިގެންނެވެ. މެސެޖަށް ޖަވާބު ނުދީގެންނެވެ.
ނުވީތަކަށް ހާމަކަން ބޮޑުކަމުން ގޮސް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާކަމެއް ވެސް މި ސަރުކާރުން ކޮށްފިއެވެ. އެގޮތުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 64 އަހަރުގެ ދިގު ތާރީހުގައި ވެސް މާލީ ހިސާބުތައް ހާމަނުކޮށް ހުއްޓާލީ މި ސަރުކާރުންނެވެ.
ސަރުކާރުން ހަރަދު ކުރަމުންދާ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓެއް އެންމެ ފަހުން އާންމުކުރީ ޖޫން 20 ގައި މީގެ ސަތޭކަ ދުވަސް ކުރިންނެވެ. މަންތުލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓާއި ގްރީން ފަންޑު ރިޕޯޓެއް އާންމުނުކުރާތާ ހަ މަސް ވެއްޖެއެވެ.
މާލީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އާންމުކުރަން ޖެހޭ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ދަރަނީގެ ސްޓްރެޓަޖީ ބަޔާނަކީ އާންމުކުރަން ޖެހޭ އެއްޗަކަށްވާއިރު މިއަދާ ހަމައަށް އެއިން އެއްވެސް ލިޔުމެއް ރައްޔިތުންނަށް ފެންނާކަށް ނެތެވެ.
އެހެންކަމުން މާލީ ހިސާބުތައް މިވަނީ ވާނުވާގެ ތެރޭގައެވެ.
2017 އިން ފެށިގެން ގަވާއިދުން އާންމުކުރަމުން އައި ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކޮަށް ހުއްޓާލާ ސަރުކާރުން މިވަނީ ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައި ހިންގާނެކަމަށް ރައްޔިތުންނަށް ވީ ވައުދާ ޚިލާފުވެފައެވެ.
މާލީ ހިސާބުތައް ވަންހަނާކޮށް ރައްޔިތުންނަށް ގައުމުގެ ހާލަތު އޮޅުވާލަން މިކުރާ މަސައްކަތުން ވާނެ މޮޅެއް ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ.
ހާލަތު ހުރި ނެތް ގޮތުގެ އެއްވެސް މައުލޫމާތެއް ފެންނަ ހަމައެކަނި ލިޔުމަކަށް އޮތީ މަޖިލީހަށް ހުށަހަޅާ ބަޖެޓު އެކަނިކަމަށް މިހާރުވެފައިވާއިރު، ޕަބްލިކް ފައިނޭންސް މެނޭޖުމަންޓުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
އަނދިރި ދައުލަތެއްގެ ސިފަ މި ސަރުކާރުގައި ކަންކަމުން ހާމަވަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތުވެސް ކުރެއެވެ.
ސަރުކާރުން ހަރަދުކުރަމުން ދަނީ ރައްޔިތުންގެ ފައިސާ އެވެ. ދަރަންޏެއް ނެގިޔަސް ނަގަނީ ދިވެހި ރައްޔިތުންގެ ނަމުގައި އެންމެން ޒިންމާވާން ޖެހޭ ގޮތަށެވެ. ޓެކުހެއް ނެގިޔަސް ނަގަނީ ހުރިހާ ރައްޔިތުން އެ ޓެކްސް ދައްކަން ޖެހޭ ގޮތަށެވެ. އަހަރަމެންގެ ފައިސާއޭ ބުނަނީ މިހެންވެގެންނެވެ. އަހަރަމެންނަށް އަހަރަމެންގެ ފައިސާ ހަރަދުކުރާ ގޮތް އެނގެން ޖެހެއެވެ.
މައުލޫމާތު ސިއްރުކޮށް ހިފެހެއްޓުމުން ލިބެނީ ގެއްލުމެވެ. އެގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން މާލީ އިސްލާހުތައް ނޫނީ ފިސްކަލް ރިފޯމް ގެންނަން އުޅޭ ދުވަސްވަރަކަށްވެފައި ރައްޔިތުން ސަރުކާރަށް ކުރަމުން ގެންދިޔަ އިތުބާރު ގެއްލި، މައުލޫމާތު އޮޅުވާލުމުގެ ނޫނީ އޮޅުވާލަން އުޅޭ ކަމުގެ ތުހުމަތުތަކަށް ޖާގަ ދެވެއެވެ.
ކަމެއް ގޯސްކޮށް ވެރިންނަށް ނުކުރެވޭ ނަމަ މާލީ މައުލޫމާތުތަކުގައި ތަޅުއަޅުވައިގެން، ހުރިހާ ކަމެއް ސިއްރުކޮށްގެން އުޅުމުގެ ބޭނމެއް ނެތެވެ. އެހެންކަމުން ހާމަކަން ބޮޑު ސަރުކާރެއް ހިންގާނެ ކަމުގެ ވައުދާއެކު އައިސް ތިބެ ރައީސް މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުން މާލީ ހިސާބުތައް މި ވަންހަނާކޮށް ސިއްރުކުރަނީ ކުރީ ސަރުކާރުން ބުނިހެން، ގައުމީ ސަލާމަތަށް ނުރައްކާ އޮވެގެން ހެއްޔެވެ. ނޫނީ އަނދިރި ދައުލަތެއް ހިންގަނީ ހެއްޔެވެ.