ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކްލާސް ރޫމުތައް އޭސީ ކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ސަރުކާރަށް ނުފުއްދޭނެކަން އެނގި ބެލެނިވެރިންނާ ދަރިވަރުން އެކަމުގައި ގުރުބާން ކުރަން ފަށައިފިއެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް މިހާރު އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކްލާސް ރޫމުތައް އޭސީ ކުރަން ބެލެނިވެރިންނަށް އެންގުމަށް އަންގާފައެވެ.
މިކަމާ ގުޅިގެން "ތޭރަ އޮންަލއިން" އަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވަނީ ސްކޫލުތަކުގެ ޕްރިންސިޕަލްއިންނަށް ސީދާ އެޑިއުކޭޝަންއިން ވަނީ އެކަން ކުރުމަށް އަންގާފައި ކަމަށެވެ. އަދި ބެލެނިވެރިން އަތުން ޗަންދާ ނަގައިގެން ވަކި މުއްދަތެއްގެ ތެރޭގައި ސްކޫލުތައް އޭސީކޮށް ނިންމުމަށް ވަނީ އަންގާފައިކަން ވެސް ހާމަވެފައިވެއެވެ.
މިކަން މިހެން އޮތްއިރު ބެލެނިވެރިންގެ ތެރޭގައިވެސް ދިރިއުޅުމުގެ ހާލަތު ތަފާތު ބެލެނިވެރިންނާ އަދި ދަރިންގެ އަދަދު ގިނަ މަދު ބެލެނިވެރިން ތިބިއިރުވެސް އެއިން ބެލެނިވެރިއަކަށް އެއްވެސް ލުޔެއް ނުދެއެވެ.
އެގޮތުން އޭސީ ހަރުކުރަން ފައިސާ ދިނުން މަޖްބޫރުނޫންކަމަށް ބުނެ ސްކޫލުތަކުގެ ޕީޓީއޭ މެދުވެރިއަކަށް ހަދާ ސަރުކާރުން ހިންގަމުން ދާ މި ކަންކަމުގައި ފައިސާ ނުދޭ ދަރިވަރުންނާ ފައިސާ ދޭ ދަރިވަރުން ތަފާތުކޮށް ބައެއް ސްކޫލުތަކުގައި ވައިބަރ ގްރޫޕުގައި ކުދިން ނަން ހާމަކޮށް އަނެއް ބައި ސްކޫލުތަކުގައި ސްކޫލުގެ ނޯޓިސް ބޯޑަށް ފައިސާ ނުދޭ ދަރިވަރުންގެ ނަން އަރުވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.
އެގޮތުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖީދިއްޔާ ސްކޫލުގެ ކްލާސް ރޫމުތަކުގައި އޭސީ ހަރުކުރަން ކޮންމެ ދަރިވަރަކުވެސް /-297 ރުފިޔާ، ސްކޫލުން ދީފައިވާ އެކައުންޓު ނަމްބަރަކަށް ޖަމާކުރުމަށް އެންގީ ސްކޫލުގެ ވައިބަރ ގްރޫޕުގައި ކަމަށާ އަދި ދީފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ ނޮވެމްބަރުގެ 1 ކަމުގައެވެ.
ނަމަވެސް ކުއްޖާ އާދިއްތަ ދުވަހު ސްކޫލުން ގެއަށް އައިސް، އޭސީއަށް ފައިސާ ނުދައްކައިގެން އޭނާގެ ނަން ނޯޓިސް ބޯޑަށް އަރުވައިފި ކަމަށް ބުނެ ރޮއި ހަދާފައިވާކަމަށް ބެލެނިވެރިޔާ ހާމަކޮށްފައިވެއެވެ. އަދި އެހެން އެކަން ދިމާވުމުން ނުރުހުން ފާޅުކޮށް ބެލެނިވެރިޔާ ބުނެފައިވަނީ ހުރިހާ ބެލެނިވެރިންނަކީ އެއް ފަންތީގެ މީހުން ނޫން ކަމަށެވެ.
އެހެން ނޫނަސް ދިން މުއްދަތުވެސް ހަމަ ނުވަނީސް ސްކޫލުން ކުއްޖާ ބަދުނާމުކޮށް ކުއްޖާއަށް އެހެން ކުދިން މެދުވެރިކޮށް ފުއްސާރަކުރުމަށް މަގު ފަހިކޮށް ކުއްޖާ ބުލީގެ ޝިކާރައަކަށްވެ ނަފްސާނީވެގެން ދާއިރުވެސް ސަރުކާރު އޮންނާނީ ހަނުކަމަށް ވެސް ބެލެނިވެރިޔާ ވަނީ ބުނެފައެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ސްކޫލުގެ ބަހެއް މިކަމުގައި ހޯދާލަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވެސް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.
ސްކޫލުތައް ދެ އަހަރު ދުވަހުގެ ތެރޭގައި އޭސީކޮސް ނިންމުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު ދެ އަހަރުގެ ކުރިން އެކަން ސަރުކާރަށް ވާގިވެރިވާ ބެލެނިވެރިން މެދުވެރިކޮށް ނިންމާ މެޑަލް ޖެހުމަށް ސަރުކާރުން މިފަދަ ޖަރީމާތައް ހިންގުން ބަލައި ނުގަނެވޭނެ ކަމަށް ބެލެނިވެރިން ދަނި ބުނަމުންނެވެ.
ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކުގެ ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ކަމަކަށް މިކަން ވެފައިވީ ނަމަވެސް އެޑިއުކޭޝަނުން މިކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާކަމަށް ބުނެ ބެލެނިވެރިން ގެންދަނި ސަރުކާރާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި ބައެއް ބެލެނިވެރިން ޙާހާމަކޮށްފައިވާ ގޮތުގައި ފައިސާ ނުދީ އެކަންކަމަށް ފާޑުކިޔާ ބެލެނިވެރިންގެ ދަރިވަރުން ސްކޫލުގައި ތަފާތުވެސް ކުރަމުން ގެންދެއެވެ.