ފިނޭންސް މިނިސްޓްރީ / އަދަދު
ވިޔަފާރި
ދައުލަތުގެ ހަރަދު ބޮޑުވެ އާމްދަނީއާއި ހަރަދުގެ ފަރަގުވެސް ކުރީ އަހަރަށްވުރެ މަތިވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
23 ނޮވެމްބަރު 2024
މާލެ ސިޓީ

ދައުލަތުގެ ހަރަދު ބޮޑުވެ އާމްދަނީއާއި ހަރަދުގެ ފަރަގުވެސް ކުރީ އަހަރަށްވުރެ މަތިވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ދުވަސް ގަޑަކަށް ފަހު ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ހިސާބުތަކުންނެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު، މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ ހުރީ 9.8 ބިލިއަން ރުފިޔާގަ އެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %3.6 ދަށް މިންވަރެކެވެ.

ނަމަވެސް މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ހާމަކުރިއިރު ބަޖެޓު ޑެފިސިޓު ނުވަތަ އާމްދަނީއާއި ހަރަދުގެ ފަރަގުވަނީ ކުރީ އަހަރަށްވުރެ ކުޑަކޮށް އިތުރުވެފަ އެވެ.

ނިމުނު އަހަރުގެ ނޮވެންބަރު 14ގެ ނިޔަލަށް ޖުމްލަ ޑެފިސީޓަކީ 10.5 ބިލިއަން ރުފިޔާ އެވެ. މި އަހަަރު އެ އަދަދުވަނީ 10.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އޭގެ އިތުރަށް ހަރަދުގެ ތެރެއިން ދަރަނި އަދާކުރުމުގެ ހަރަދު އުނިކުރުމަށްފަހު، އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި އޮތީ 6.7 ބިލިއަނެވެ. މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު އިތުރުވީ 6.8 ބިލިއަން ރުފިޔާ އަށެވެ.

މި ހިސާބުތަކަށް ބަލާއިރު ޖުމްލަ ޑެފިސިޓު އިތުރުވެފައިވަނީ %2.5 އިންނެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓު ނިމުނު އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ %1.6 އިންނެވެ. މިއީ ފާއިތުވި ހަތަރު ވަރަކަށް އަހަރު، އަހަރުން އަހަރަށް ޑެފިސިޓު އިތުރުވި މިންވަރާ އަޅާބަލާއިރު ކުޑަ ނިސްބަތެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved