ހުރިހާ ދިވެހިން ތެލިސީމިއާ އަށް ޓެސްޓްކުރުމަށް ނިންމައި، ތެލިސީމިއާއަށް ހޭލުންތެރި ކުރުވުމަށް ފެށި ޤައުމީ ކެންޕެއިންގެ ދަށުން ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ދަރިވަރުން ތެސީމިއާއަށް ސްކުރީން ކުރަން ފަށައިފިއެވެ.
އެގޮތުން އެންމެ ފުރަތަމަ ތެލިސީމިއާއަށް ސްކްރީން ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އަރަބިއްޔާ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށެވެ.
އޭގެ އިތުރުން ގްރޭޑް 10 ގެ ދަރިވަރުންގެ ބެލެނިވެރިން ހިމެނޭނެހެން ހުރިހާ ގްރޭޑެއްގެ ބެލެނިވެރިންނަށް ތެލިސީމިއާއަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
ތެލިސީމިއާ ބައްޔަށް ދިވެހިން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ މި ހަރަކާތަކީ، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް ރާއްޖޭގައި ތެލިސީމީއާ އަށް އުފަންވާ ކުދިންގެ ރޭޓް 50 އިންސައްތައަށް ދަށްކުރުމުގެ ވަރުގަދަ އަޒުމާއިއެކުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ
ތެލިސީމިއާ ބައްޔަށް އާއްމުން ހޭލުންތެރި ކުރުވުމަށް ހިންގާ ޤައމީ ބޮޑު ކެމްޕެއިން ފެށުނު ދުވަހު ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި މާލޭ ކައިރި ސަރަހައްދުގެ ދަރިވަރުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގާ ނިންމަވާލެވޭނެކަމަށެވެ.
މިއަދު އަރަބިއްޔާ ސްކޫލުގައި ބޭއްވުނު ތެލެސީމިއާ ސްކްރީނިންގ ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާއެވެ.