ރިޓަޔަރމަންޓު އުސޫލަށް ބަދަލު ނުގެންނަން ނިންމާ ސަރުކާރުން އަނެއްކާވެސް އުނބަށް ޖަހައިފިއެވެ.
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، އަންނަ މަހުގެ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމާ އެކަން ސަރުކާރުން ހާމަކުރީ ނޮވެމްބަރުމަހުގެ ފަހުކޮޅުއެވެ.
އެގޮތުން ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި އިދާރާތަކަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ސަރުކާރުގެ ރިފޯމު އެޖެންޑާގައި ހަރަދު ކުޑަ ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން، އަލަށް ވަޒީފާ އިން ރިޓަޔާ ކުރާ މުވައްޒަފުންނަށް އަންނަ ޖަނަވަރީން ފެށިގެން މަހުން މަހަށް ދޭ އެލަވަންސެއް ނުދޭނެކަމާ ނަމަވެސް، ރިޓަޔާރ ކުރާ އިރު އެއް ފަހަރާ ދޭން ކަނޑައަޅާފައި އޮންނަ ފައިސާގެ އަދަދު އޮންނަ އުސޫލުން ލިބޭނެ ކަމެވެ.
އެ ސިޓީގައި ވަނީ، އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ފިޔަވަޅު އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ރައްޔިތުންގެ އަތުން އިތުރު ޓެކްސްތައް ނަގަމުން މުއިއްޒު ސަރުކާރުން އަންނަނީ ރައްޔިތުންނަށް ލިބޭ އިނާޔަތްތަކާއި އާސަންދައިން ލިބޭ ހިދުމަތްތައް ވެސް ކަޑަމުން ނެވެ. މިފަހުން ވަނީ ރިޓަޔަމެންޓް އިނާޔަތް ދޭން ޖެހޭ މުވައްޒަފުން ގިނަވެ، 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތަށް ކުޑަ ކުރަން ވެސް މަޝްވަރާކޮށްފައިވެއެވެ.
ނަމަވެސް މުވައްޒަފުންނަށް ޑަބަލް ޕެންޝަންގެ ގޮތުގައި މަހުން މަހަށް ލިބޭ އަދަދަށް ބަދަލެއް ނުގެނެސް އެގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަން ފިނޭންސް މިނިސްޓަރު ވަނީ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވާފައެވެ.
އެގޮތުން އެ ގޮތަށް އެ އިނާޔަތް ލިބޭތާ ވަރަށް ގިނަ ދުވަސްތަކެއް ތިބި މުވައްޒަފުން ތިބިެއިރު އެހާ ގިނަ ދުވަސްތަކެއް ވަންދެން ލިބެމުން އައި އެެއްޗެއް ކަނޑާލުމުން އުނދަގޫތަކެއް ހުންނާތީ އެކަމުގެ ޝަކުވާއާ ކަންބޮޑުވުން ސަރުކާރަށް އައުމުން ނިންމުން ބަދަލުކުރީކަމަށް މިނިސްތަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު، ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ ހުށަހަޅުއްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ނިންމުން ބަދަލުކޮށްފައިވެއެވެ.