ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ހަރަދު ބޮޑުވެ ދައުލަތުގެ ދަރަނި 139 ބިލިއަން ރުފިޔާ އިން މައްޗަށް ގޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓަކީ މިދިޔަ ފަސް އަހަރުގެ ދަރަނި ކަމަށެވެ. އޭނާ ވިދާޅުވީ ލިބޭ އާމްދަނީގެ 24 ޕަސެންޓު ދަރަންޏަށް ހޭދަކުރަން ޖެހޭ ކަމަށެވެ.
ޒަމީރު ވިދާޅުވީ، ރޭޓިން އޭޖެންސީތަކާއި އައިއެމްއެފުން ވެސް، މިނިސްޓްރީއާ ދެމެދު ހިންގާ މުއާމަލާތްތަކުގައި ވެސް އެ އިދާރާތަކުން ބާރު އަޅަނީ، ހަރަދު ކުޑަ ކުރުމަށް ކަމަށެވެ.
ނަމަވެސް އަދި ވެސް ލިބޭ އާމްދަނީއަށް ވުރެ ގިނައިން ސަރުކާރު ހިންގަން ހަރަދު ކުރަން ޖެހުން ކަމަށާއި ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދުތައް މިހާރު ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތި ވިދާޅުވިހެން ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ރިކަރެންޓު ހަރަދު ބޮޑުވުމުގެ މައްސަލަ، އަޅުގަނޑުމެންނަށް ލިބޭ ރިވެނިއުއާ މިސްމެޗުވާ ވަރަށް އެބަ ހަރަދުތައް އެބަހުރި
ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓުގައިވާ ގޮތުން މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. ދައުލަތުގެ ދަރަނި އަންނަ އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ދައުލަތުގެ ސީދާ ދަރަނި، ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެ މިންވަރަށް ދަރަނި ދަށްކުރަން އިސްލާހީ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައި ވެ އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މި އަހަރު ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"އަށް ދަށްކޮށްފަ އެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ.
ދަރަނި ނުދެއްކިދާނެކަމުގެ ބިރު ހީވެ، ބޭރުގެ މާލީ އިދާރާތަކުން ވަނީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ގޮވާލައިފަ އެވެ.