ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް / ބީބީސީ
ހަބަރު
ދަރަނި ނުދެއްކިދާނެ ކަމަށް ބަލާ ދޭ ރޭޓިން މޫޑީސް އިން އަނެއްކާވެސް ރާއްޖެއަށް ދީފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޑިސެމްބަރު 2024
މާލެ ސިޓީ

މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް ދީފި އެވެ. ސީއޭއޭ-2 އަކީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

މޫޑީސް އިން ރާއްހޭގެ އިގްތިސޯދީ ހާލަތާއިމެދި ކަންބޮޑުވުން ފާޅުކުރީ، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް އެޖެންސީތަކުން ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަދެއްކުން ހުއްޓާލާފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިފަހުން ވިދާޅުވެފައިވަނިކޮށެވެ.

ރޭޓިންއެކޭ އެއްގޮތަށް މޫޑީސްއިން ވަނީ އައުޓްލުކް ވެސް ނެގެޓިވްގައި ދަމަހައްޓާފަ އެވެ. އެއީ އަދިވެސް ބޭރު ފައިސާގެ ދަތިކަން ހުރުމާއި ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ދަރަނި އަދާކުރަން ހުރުމާ ގުޅިގެންނެވެ. އަދި މިހާރު ތައާރަފުކޮށްފައި ހުރި ރިފޯމްތައް ބަލައިގަތް ނަމަވެސް، މިކަންކަން އެކަށީގެންވާ ވަގުތުގައި ތަންފީޒުކުރެވޭނެ ކަމާ މެދު ޔަގީންކަމެއް ނެތް ކަމަށް ވެސް މޫޑީސް އިން ބުނެފައި ވެ އެވެ.

ކުރިއަށް އޮތް އަހަރު ނުވަތަ ދޮޅު އަހަރު ދުވަސް ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ބެލެވޭތީ ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެ

- މޫޑީސް

މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިން ކުރިއަށް އޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިން ހޯދޭ މިންވަރަށާއި ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށެވެ.

މޫޑީސްގެ ރޭޓިންގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ، އަންނަ އަހަރު ދައްކަން ޖެހޭ 700 ޑޮލަރުގެ ދަރަންޏާއި އެއާ ޖެހިގެން އަންނަ އަހަރު ދައްކަން ޖެހޭ ބިލިއަނެއްގެ ޑޮލަރުގެ ދަރަންޏެވެ. އަދި އާމްދަނީ އިތުރުކުރާށާއި ހަރަދުތައް ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކީ ވެސް އަންނަ އަހަރުގެ ބަޖެޓު ބޮޑު ކަމުގެ ކަންބޮޑުވުން ވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކުރި އެވެ.

ރާއްޖޭގެ ރޭޓިން "ސީއޭއޭ2" ގައި ދަމަހައްޓަން މޫޑީސް ރޭޓިން އެޖެންސީން ނިންމިއިރު، ފިޗްގެ ރޭޓިންގައި ރާއްޖޭގެ ރޭޓިން ހުރީ "ސީސީ"ގައި އެވެ. އެއީ މާލީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެ ފަދަ ވަރަށް ބޮޑު ފުރުސަތެއް އޮތް ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved