މިއަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުން ފެންނަނީ މާނަވީ މަންފާ އެއްކިބާކޮށް ވައުދުތައް ފުއްދުމުގެ އަގު މުޅި ގައުމު އަދާކުރަންޖެހޭނެ ފަދަ ވިސްނުމެއްކަމަށް އިކޮނޮމީ ޓުޑޭ ރިވިއުގައި ހާމަކޮށްފިއެވެ.
އިގްތިސޯދީ ގިނަ ތަޖުރިބާކާރުންތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ޓީމަކުން، އިގްތިޞާދީ އަދި މާލީ ކަންކަމަށް އަލިއަޅުވާލާ ހިންގާ ނޫސް މަޖައްލާއެއް ކަމަށްވާ މޯލްޑިވްސް އިކޮނޮމީ ޓުޑޭގައި ރިވިއުގައި ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުގެ ބަޖެޓަކީ ދައުލަތަށް މި ވަގުތު ވެސް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ޙައްލުކުރުމަށް ފުރިހަމަ ރައްދެއް ދީފައިނުވާ ބަޖެޓެކެވެ.
އެގޮތުން ބައެއް ޚަރަދުތައް ކުޑަކުރުމަށް ސިޔާސަތުގެ ބޮޑެތި ބަދަލުތައް ބަޖެޓުގައި އެކަށައަޅާފައިވީ ނަމަވެސް، އެ ސިޔާސަތުތައް ހާސިލުކުރުމަށް ބޮޑެތި ހިރާސްތައް ހުރިކަމަށް މިހާރު ކަންކަން ހިނގަމުންދާ އުސޫލުތަކަށް ބަލާލުމުން ފާހަގަކުރެވޭކަމަށް ރިވިއުގައި ބުނެފައިވެއެވެ.
އެ ސިޔާސަތުތަކާ ދިމާ އިދިކޮޅު ކަންތައްތައް ސަރުކާރުގެ ހިންގުމުގެ ހަރަދުތަކުގެ ތެރެއިން ފެންނަކަން ފާހަގަކޮށް އެ ރިވިއުގައި އިތުރަށް ބުނެފައިވަނީ، އިގްތިސޯދީ ދުވެލި އިތުރުކުރުމާއި އިންފްލޭޝަން ކޮންޓްރޯލް ކުރުމާއި ވަޒީފާ އުފެއްދުމާއި އަތުޖެހޭ ހަމައަށް ދަރަނި ގެނައުމާއި ދޭދޭ ސިނާއަތްތައް ކުރިއަރުވައި އިގްތިސޯދު ސިންދަފާތު ކުރުންފަދަ ކަންކަމާއި މެދު އެކަށޭނަ ވިސްނުމެއް ބަޖެޓުގައި ނެތް ކަމަށެވެ.
އަންނަ އަަހަރުގެ ބަޖެޓުން ފެންނަނީ މާނަވީ މަންފާ އެއްކިބާކޮށް އިންތިހާބީ ވައުދުތައް ފުއްދުމުގެ އަގު މުޅި ގައުމު އަދާކުރަންޖެހޭނެ ފަދަ ވިސްނުމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ބަޖެޓް އެކުލަވާލުން އާ ވިސްނުމަކަށް ބަދަލުވާން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން އިގްތިސޯދީ ހަގީގަތްތަކުގެ މައްޗަށް ބިނާވެތިބެ ހަދާ، އިގްތިސޯދީ ހަރުދަނާ ޕްލޭނެއް ރަމްޒުކޮށްދޭ އެއްޗަކަށް ބަޖެޓު ހަދަންޖެހޭ ކަމަށާއި ލިބޭ އާމްދަނީއާ ނުބައްދަލު ބަޖެޓްތައް ހެދުން ހުއްޓައިލަން ޖެހޭކަމަންވެސް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ ބަޖެޓަކީ ރައްޔަތުންގެ ފައިސާތަކެއް ހޯދައި އެ ފައިސާ ޚަރަދު ކުރުމުގެ ހުއްދައެއް ހޯދަން ޖަހާ މަޅިފައްޗެއްގެ ގޮތުގައި ސިފަކޮށް ރިވިއުގައި ބުނެފައިވަނީ އޭގެ ބަދަލުގައި ބަޖެޓުން ހާސިލް ކުރަން ބޭނުން މަގްސަދުތަކެއް އެކަށައަޅައި ބަޔާން ކުރުމަކީ ބަޖެޓެއް އެކުލަވާލުމުގެ އެންމެ އަސާސީ ސިފަކަމުގައި ހެދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
މޯލްޑިވްސް އިކޮނޮމީ ޓުޑޭ އަކީ އިކޮނޮމިސްޓް އިބްރާހިމް އާތިފް ޝަކޫރާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުޙައްމަދު (އަންޑޭ)އާ ދެބޭފުޅުން ހިންގަވާ ނޫހެކެވެ. އެ ނޫހުގެ މި ރިވިއުގައި އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ގަވަރުނަރު އަލީ ހާޝިމާއި، ފިނޭންސްގެ މިނިސްޓްރީގެ ކުރީގެ ބަޖެޓު ކޮންޓްރޯލަރު އަޙްމަދު ސަރުވާޝް އާދަމްވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު ފިނޭންސްގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލަރު އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އައްސަދު ވެސް ބައިވެރިވެފައިވެއެވެ.