އާންމު ހިދުމަތްތައް ދަމަހައްޓަން ހަރަދު އިތުރުކުރަން މަޖުބޫރުވެ، ދައުލަތުގެ ދަރަނި ބޮޑުވާތީވެ، ބައިނަލްއަގްވާމީ އެހީތެރިކަމާއި ފައިސާ ލިބޭނެ ލުއި ގޮތްތައް ހަމަޖެހުމަކީ ރާއްޖެ އަށް މުހިންމު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވީ، އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ގްލޯބަލް އިކޮނޮމިކް ފޯރަމް 2024 ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އިމްޕޯޓަށާއި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ޖަޒީރާ ކުދި ގައުމުތަކަށް ރަޝިއާ އާއި ޔޫކްރޭނު ހަނގުރާމައިގެ އިތުރުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ
މީގެއިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އުފެދިފައިވާ ހިރާސްތައް ކުޑަކުރަން ރާއްޖޭން ވެސް ފަށާފައިވާ މަސައްކަތަށް ކުރިމަތިވެފައިވާ ހުރަސްތައް އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން 2028ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރަން އަމާޒު ހިފާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ އިތުރުން ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ގޮތްތަކަށާއި މޫސުމީ ބަދަލުތަކަށް ވިސްނައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުއަކަށް އިންވެސްޓުކުރަމުންދާ ކަމަށެވެ.
...އަޅުގަނޑުމެން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ފައިސާ އާއި ޓެކްނޮލޮޖީގެ ގޮތުން ބައިނަލްއަގުވާމީ ސަޕޯޓު ވަރަށް ބޮޑަށް ބޭނުންވޭ،
ދަރަނި ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ހިރާސްތަކުން އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރި ކަމަށް ފައިސާ ބޭނުން ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއިރު، ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓުގައިވާ ގޮތުން މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. ދައުލަތުގެ ދަރަނި އަންނަ އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ދައުލަތުގެ ސީދާ ދަރަނި، ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެ މިންވަރަށް ދަރަނި ދަށްކުރަން އިސްލާހީ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައި ވެ އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މި އަހަރު ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"އަށް ދަށްކޮށްފަ އެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ.
ދަރަނި ނުދެއްކިދާނެކަމުގެ ބިރު ހީވެ، ބޭރުގެ މާލީ އިދާރާތަކުން ވަނީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ގޮވާލައިފަ އެވެ.