ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުން ރަށްވެހިކަމާއި ގޯތީގެ ރެޖިސްޓްރީތައް ގެއްލިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އެގޮތުން މިއަދު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 176 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝު ވިދާޅުވީ، ލޭންޑް ސެކްޝަނުން ގެއްލިގެން މިދިޔަ އެންމެ ޒަމާންވީ ރެޖިސްޓްރީތައް އޭގެ އެންމެ އިހުގެ ގަޟިއްޔާތަކުން ފެށިގެން އެންމެ ފަހާ ހަމައަށް އެ ބޭފުޅުންގެ އަތުގައި ކޮޕީ ހުރި ހުރިހާ އެއްޗެއް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާ ގުޅިގެން އެ ޑޭޓާތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެ މައުލޫމާތު ދޭން ޑީއެންއާރުން އެއްބަސްވެފައިވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ، ކޯޑިނޭޝަން ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޑޭޓާތައް އަވަހަަށް ހޯދުމަށް ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ 85 އިންސައްތަ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލުން ދެމުންދާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެ ކައުންސިލުން މިހާރު ދެމުންދާ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ ހިދުމަތް އޮންލައިންކޮށް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނަރީޝް ވިދާޅުވިއެވެ.
މިހާރު ކައިވެނީގެ ސެޓްފިކެޓް ހިފައިގެން ކައުންސިލަށް ދާން ޖެހުނު ނަމަވެސް، އެ ހިދުމަތް ޑިޖިޓަލައިޒް ކުރެވުމުން ޑިޖިޓަލް ކައިވެނީގެ ސެޓްފިކެޓް ބަލައިގެން ވެރިފައިކޮށް، އެ ހުށަހަޅާ ދުވަހު ޑިޖިޓަލްކޮށް އުފަންދުވަހުގެ ސެޓްފިކެޓް ލިބޭނެ ކަމަށް ޑެޕިއުޓީ މޭޔާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ އެތަނުގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށެވެ. އެތަނުގައި ހުރީ، އުފަންވުމާއި މަރުވާ މީހުންގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކާއި، ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލެވެ.
އެތަނުގައި ލިޔެކިޔުންތައް ބަހައްޓާފައި ހުރިތަނުން ބައެއް ހަރުތައް އެއްކޮށް އަނދާ އަޅިއަށްވި އެވެ. އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ބައެއް ލިޔުންތައް ސަލާމަތް ވެސް ކުރި އެވެ. އަދި އެ ލިޔުންތަކަށް ފެނުގެ އަސަރު ކޮށްފައިވާތީ، އެ ތަކެތި ހިއްކުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރިއެވެ.