އެޗްޑީސީ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދު އަށް ދިން "ވަގު ގޯތި" މައްސަލަ ފަޅާ އެރުމުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަމުރުކުރައްވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ގެދޮރުވެރިޔާގެ ސްކީމްގެ ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
އެއީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށް ވާތީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށް ޕީޖީ ދެކެވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން އަދި މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއް ފަހަރު ޕީޖީއާ ހިއްސާކުރަމުން ގެންދިއުމަށާއި މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށްވެސް ވަނީ އަމުރުކުރައްވާފަ އެވެ.
ބިންވެރިޔާ ސްކީމަކީ މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ސްކީމެކެވެ. އެ ސްކީމްގެ ދަށުން ވަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ވުރެ ގިނަ ގޯތި ހިލޭ މާލޭ މީހުންނަށް ދިނުމަށް ނިންމައިފަ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ 2 އިން ދޭން ނިންމި ހުރިހާ ގޯއްޗެއް ހައުސިން މިނިސްޓްރީން ވަނީ އެ ބިންތައް ލިބުނު މީހުންނަށް މިދިޔަ މަހު ހަވާލުކޮށްފަ އެވެ. އެ ގޯތިތަކުގެ ކަންމުޑި ޖަހައި، އިން ވަކިކޮށްދިނުމުގެ މަސައްކަތް ހަވާލުކުރީ އެޗްޑީސީއާ އެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި ފަޒުލްގެ ކޮއްކޮ ފަޒީލް ހިމެނެނު ނަމަވެސް އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފައެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީއެވެ.
މީސް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.