ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތުން, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލައި ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފި އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ނޮވެމްބަރު 17، 2018 އިން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު ރިޕޯޓެއް އެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އެ ރިޕޯޓުގައި ދައުލަތުގެ މުދަލާއި ފައިސާ ހައްގުނުވާ ފަރާތްތަކަކަށް ދިނުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ފަރާތްތަކެއްގެ މައްޗަށް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ، ކުރީ ސަރުކާރުން އެކުލަވާލި ސެޓަލްމަންޓް ކޮމެޓީ އުވާލައްވައިފަ އެވެ. އަދި އޭރު ބަދަލުގެ ގޮތުގައި ފައިސާ ދޭން ކުރީގެ ސަރުކާރުން ހެދި އެއްބަސްވުންތައް ބާތިލްކޮށް، އެ ފައިސާ އަތުލަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.
އެ ގޮތުން، ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދޭން ކުރީގެ ސަރުކާރުން ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައިވަނިކޮށް، މި ސަރުކާރުން އެ ފައިސާ ދިނުން ވެސް މަޑުޖައްސައިލި އެވެ.
ސެޓްލްމަންޓް ކޮމެޓީ އުވައިލެއްވިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމަވާފައިވެ އެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުތައް ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އޭރު ނިންމާފައިވާނެކަމަށް އަންދާޒާކޮށްފައި އެވެ.
ސެޓުލްމަންޓް ކޮމިޓީ މެދުވެރިކޮށް ސޯލިހުގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ.