ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖައްސަން ފައިސާ އަށް އެދުން / ފިނޭންސް މިނިސްޓްރީ
ހަބަރު
ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖައްސަން ފައިސާ އަށް އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 ޑިސެމްބަރު 2024
މާލެ ސިޓީ

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

ސަރުކާރުގެ މާލިއްޔަތާއި ދައުލަތުގެ ރިޒާވަށް ބުރަބޮޑުވެފައިއޮތް މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 276.6 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 200 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 289 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 843 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް މިފަހުން ވަނީ ދީފަ އެވެ.

މޫޑީސް އިން އެފަދަ ދައް ރޭޓިން އެއް ރާއްޖެ އަށް ދިން އިރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި މިސް މެނޭޖްމެންޓްގެ ސަބަބުން ސަރުކާރުގެ މާލިއްޔަތާއި ދައުލަތުގެ ރިޒާވަށް ވަނީ ބުރަބޮޑުވެފައި އެވެ. މީގެ ނަތީޖާއަކީ އާންމުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، އަސާސީ މުދަލުގެ އަގު އުފުލިގެން ދިއުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved