ރައީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު ޒަމީރު / ރައީސް އޮފިސް
ހަބަރު
ސަރުކާރުން 40 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނަގައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ޑިސެމްބަރު 2024
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމަށް ބޭނުންވާ 40 މިލިއަން އެމެރިކާގެ ޑޮލަރު ލޯނެއްގެ ގޮތުގައި އަބުދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގައިފި އެވެ.

ލޯނު އެއްބަސްވުުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ވީއައިއޭގައި ތަރައްގީ ކުރާ އާ ޓާމިނަލްގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމާ އެކު ރާއްޖޭގެ އިގްތިސޯދަށް ކުރިއެރުންތައް އަންނާނެ ކަމަށެވެ.

އަދި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އެކުވެރި އަރަބި އިމާރާތުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވަައި ޒަމީރުވަނީ އެ ގައުމަށް އަދި ހާއްސަކޮށް އަބޫދާބީ ފަންޑަށް ޝުކުރު އަދާކުރައްވާފަ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެ އެވެ. ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނުން ހިދުމަތް ދޭ އިރު އާ ޓާމިނަލްއާ އެކު، އިތުުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ އެވެ.

ސަރުކާރުން އަނެއްކާވެސް ލޯނެއް ނެގިއިރު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް މިފަހުން ވަނީ ދީފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved