ފިނޭންސް މިނިސްޓަރު ޒަމީރުއާ ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
ދައުލަތުގެ ޚަރަދާ ދަރަނިވެސް އިތުރުވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
01 ޖެނުއަރީ 2025
މާލެ ސިޓީ

ދައުލަތުގެ ޖުމްލަ ހަރަދާ އަދި ދައުލަތުގެ ޖުމްލަ ދަރަނިވެސް އިތުރުވެއްޖެކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކުންނެވެ. ހިސާބުތަކުގެ ނަމްބަރުން ދައްކާގޮތުގައި ދައުލަތުގެ ޖުމްލަ ދަރަނި 48 ބިލިއަނަށް އަރައި އާމްދަނީއާއި ހަރަދުގެ ފަރަގު 15 ބިލިއަނާ ގާތަށް އިތުރުވެފައިވެއެވެ.

ހިސާބުތަކަށް ބަލާއިރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން 26 ޑިސެންބަރާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 33.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން 25.5 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ދެ ބިލިއަނެއްހައި ރުފިޔާ އިތުރެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނީ 23.4 ބިލިއަން ރުފިޔާއެވެ.  މީގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ނިމުނު އަހަރު 12.7 ބިލިއަން ރުފިޔާ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާއިރު މި އަހަރު އެ އަދަދުވަނީ 13.8 ބިލިއަނަށް އިތުރުވެފައެވެ.

މުދަލާއި ހިދުމަތުގެ ޓެކުސްތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރު 9.1 ބިލިއަން ރުފިޔާ ލިބުނެވެ. ފާއިތުވި އަހަރު ލިބުނީ 8.4 ބިލިއަން ރުފިޔާ އެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައިވެއެވެ. އެގޮތުން މި އަހަރު ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 7.5 ބިލިއަން ރުފިޔާ އެވެ. ފާއިތުވި ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 8.4 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު ޑިސެމްބަރު މަހާ ހަމައަށް ޖުމްލަ 48.5 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އެއިން 33.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަވެފައިވަނީ 14.8 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު ރިކަރަންޓު ހަރަދުތައްވަނީ ފާއިތުވި އަހަރަށްވުރެ ތިން ބިލިއަނެއްހައި ރުފިޔާ މަތިވެފަ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި މި އަހަރު ހޭދަވި މިންވަރުވެސް ފާއިތުވި އަހަރަށްވުރެ 250 މިލިއަނެއްހައި ރުފިޔާ އިތުރެވެ.

މި މުއްދަތުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް 4.5 ބިލިއަން ރުފިޔާ ހަރަދުވި އެވެ. ހަރަދުތަކުން އެ އަދަދު އުނިކުރުމުން މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 10.3 ބިލިއަން ރުފިޔާ އެވެ. އެ ފައިސާ ހިމެނުމުން އެ އަދަދު 14.8 ބިލިއަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved