

މާފަންނުގައި ހުންނަ ނެވިގޭޓާގޭ އިމާރާތް ކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި ގެ ގަނބައިގަނެ، އަޑިއަށްދާތީ މީހުން ހުސްކޮށްފި އެވެ.
މިކަން ދިމާވީ މ. ކެރިންލައިޓް ނަމަކަށް ކިޔާ ގެއެއް އިމާރާތްކުރަމުން ދިޔައިރު ދިމާވި މައްސަލައަކާ ގުޅިގެން ކަަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ދިމާވި މައްސަލައަކީ އެގެ އިމާރަތްކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުން ޖެހިގެން ހުރި މ. ލަކީ ހެވަންގޭގައި ރެނދުއަޅާ އަޑިއަށް ދާން ފެށުން ކަމަށް ކައުންސިލުން މައުލޫމާތު ދެ އެވެ. އަދި މިކަން ފާހަގަވުމުން އެގެ ހުސްކޮށް، ގޭބިސީގައި ޖުމްލަކޮށް އުޅޭ އެންމެން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެހެން ތަނަކަށް ބަދަލުކުރަނީ އެގޭގައި އުޅުނު 4 އާއިލާއެއްގެ، 18 އަހަރުން ދަށުގެ 3 ކުދިންނާއި 6 މީހުންނާއި ގޭގެ ދެ ބައެއްގައި ކުއްޔަށް ދިރިއުޅުނު ބޭރު ބައެކެވެ.
ސިޓީ ކައުންސިލުން ބުނީ ލަކީ ހެވަން ގޭގައި ކުއްޔަށް ދީފައި ހުންނަ ބައިގައި ބޭރު މީހުންވެސް ދިރިއުޅެމުން އަންނަކަމަށެވެ.