ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ޓީޗަރު ހައްޔަރު ކުރި ނަމަވެސް ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ މިމައްސަލައިގެ ތުހުމަތުގައި މިމަހުގެ 15 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. ނަމަވެސް އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެ ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން މިމައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުން މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.