ހޮޅުދޫގައި މިއަދު ބޭއްވި އެއްވުމުގެ ތެރެއިން / ތޭރަގްރެފިކްސް
ހަބަރު
ހޮޅުދޫގެ ރައްޔިތުން ސަރުކާރަށް: ޒަކިއްޔާގެ މަރަށް އިންސާފު ހޯދާ ނުދީ 2028 އަށް ވޯޓު ހޯދަން ނާންނާތި!
24 ޖެނުއަރީ 2025
ނޫނު އަތޮޅު

2024 އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އިންސާފު ހޯދާނުދީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވޯޓު ހޯދަން އެ ރަށަށް އަދުގެ ސަރުކާރުގެ ވެރިން އައިސްގެން ނުވާނެ ކަމަށް ހޮޅުދޫގެ ރައްޔިތުން ހާމަކޮށްފިއެވެ.

ޒަކިއްޔާގެ މަރަށް ހަތަރު މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޒަކިއްޔާގެ މަރުގެ ހަގީގަތް ފުލުހުންނަށް ހޯދިފައިނުވުމާ އަދި އެ ދުވަހު ފުލުުންގެ އަމަލުތައް ބެހެއްޓި ގޮތުން ހެކި ނައްތާލަން ބަޔަކަށް ފުރުސަތު ލިބިގެން ދިޔަ ކަމަށް ގބަޫލުކުރެވޭތީ ހޮޅުދޫގެ ރައްޔިތުން ދަނީ ޒަކިއްޔާގެ މަރަކީ އަމިއްލައަށް މަރުވި މަރުވުމެއް ނޫން ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

އެގޮތުން ހުކުރު ދުވަހު ހަވީރު ހޮޅުދޫގެ ގިނަ ރައްޔިތުންވަނީ އެރަށު ބޯޅަ ދަނޑު ސަރަހައްދަށް އެއްވެ ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް އެދި އަޑު އުފުލާފައެވެ.

ހޮޅުދޫގައި ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނު އެންމެން ކަހަލަ ގޮތަކަށް އިއްތިފާގުވާ ކަމަކީ ޒަކިއްޔާގެ ކަރަށް ލިބިފައި ހުރި ޒަޚަމްތަކަކީ މީހަކު އަމިއްލައަށް އަމިއްލަ ނަފްސަށް ދެވެ ވަރަށް ވުރެ ބޮޑެތި ޒަޚަމްތަކެއް ކަމަށާ އަދި ފުލުހުންނަށް ޒަކިއްޔާގެ ފިރިމީހާއާ ދޮށީ ފިރިހެން ދަރިއާ އަދި ޒަކިއްޔާގެ ދަނބިދަރިވެސް ދިން މައުލޫމާތުގައި ފުށު އެރުންތަކެއް ހުރި ކަމަށެވެ.

ހޮޅުދޫގައި ބޭއްވި އެއްވުމުގެ ތެރެއިން

ނަމަވެސް ފުލުހުން އެ ދުވަހު ސީނަށް ހާޒިރުވުމަށް ފަހު ޒަކިއްޔާގެ ހަށިގަނޑު ހިފައިގެން ސިއްހީ މަރުކަޒަށް ދިޔައީ ކްރައިމް ސީން ދޫކޮށް ކަމަށާ އެހެންކަމުން އެ ވަގުތު ގޭގައި ތިބި މީހުންނަށް ގޭތެރެއިން ކަމެއް ގޯހުން ހިނގާފައި އޮތްކަމަށް ވަނީނަމަ އެކަންކަން ސާފުކޮށް ނިންމަން ވަގުތު ލިބިގެން ދިޔަ ކަމަށް ވެސް އެ ރައްޔިތުން މިއަދުގެ އެއްވުމުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެއްވުމުގައި ޝުއޫރުފާޅު ކުރަމުން ހޮޅުދޫ ރައްޔިތުން ވަނީ މިކަމުގައި އިހުމާލު އެންމެ ބޮޑަށް އޮތީ ފުލުހުންގެ ކަމަށާ އެހެންކަމުން ފުލުހުންގެ ތެރެއިން އެކަމަށް އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅާ ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

ހަމަ އެހެންމެ ދައުލަތުގެ ކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތަކުންވެސް އިސް ނަގައިގެން މިކަން ބަލާ ހޮޅުދޫގެ ރައްޔިތުން މިއަދު ތިބި ނަފްސާނީ ބަލި މަޑުކަމުގެ ތެރެއިން އެ ރައްޔިތުން ސަލާމަތްކޮށްދީ މީގެ ކުރިން ހޮޅުދޫގައި އޮޔް ހިތް ފަސޭހަ މާހައލު ގާއިމުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ޒަކިއްޔާގެ މަރަކީ އަމިއްލައަށް މަރުވި މަރުވުމެއް ނޫން ކަމަށް ތަކުރާރުކޮށް ބުނަމުން އެއްވުމުގެ ބައިވެރިންވަނީ ގާތިލުންތަކެއް ރަށުތެރެއަށް ދޫވެފައި ތިބި ކަމަށާ ވަގުތުން ވަގުތަށް އެ ބަޔަކު ހޯދާ ހައްޔަރުކޮށް ހޮޅުދޫގެ ރައްޔިތުން ވެއްޓިފައިވާ ބިރުވެރި ނާމާން ވަޅުގަނޑުން އެ ރައްޔިތުން ސަލާމަތްކޮށްދިނުމަށް ފުލުހުންނަށާ ސަރުކާރަށް ވެސް ގޮވާލާފައެވެ.

އެއްވުމުގެ ތެރެއިން

އެއްވުމުގެ ބައިވެރިން ވަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދާ ނުދީ ހޮޅުދޫ ރައްޔިތުންގެ އަޑަށް މިއަދު ބީރު ކަންފަތެއް ދިނުމަށްފަހު 2028ގައި ރިޔާސީ އިންތިޚާބު ގަތްވުމުން އެރަށުގެ ރައްޔިތުންގެ ވޯޓު ހޯދަން ސަރުކާރުގެ ވެރިން ނައުމަށް ގޮވާލާފައެވެ.

ނ. ހޮޅުދޫ، ނިއު ލައިފް ޒަކިއްޔާ މޫސާ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގުދަނާވީ ފަޅީގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުއެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ޒަކިއްޔާގެ މަރަކީ އަމިއްލައަށް މަރުވި މަރުވުމެއް ކަމަށް އަދި ނުނިންމާ ކަމަށާ އަދި މީހާރު ގެންދަނި އެފްބީއައިގެ އެހީ ވެސް ހޯދަމުން ކަމަށް ހާމަކޮށްފައިވެއެވެެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved