

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 3.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފިއެވެ.
ސަރުކާރުގެ މާލިއްޔަތާއި ދައުލަތުގެ ރިޒާވަށް ބުރަބޮޑުވެފައިއޮތް މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 925 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 630 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.
މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 915 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް އެއް ބިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފައެވެ.
ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.
ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ޓީބިލުތައް ވިއްކަމުންދާ އިރު ގިނަ އަދަދެއްގެ ރައްޔިތުން މި ސަރުކާރު ސިފަ ކުރަނީ ހަރަދު ކުޑަ ކުރުމުގައި ނަމުގައި އައި މަތި ބަރު ސަރުކާރެއްގެ ގޮތުގައެވެ.