އައިޖީއެމްއެޗް / ސޯޝަލް މީޑިއާ
ހަބަރު
އަނެއްކާވެސް މަރެއް، މި ފަހަރު އައިޖީއެމްއެޗުން ފަރުވާ ހޯދަމުން ދިޔަ މީހެއް!
Mariyam Isaadha
މަރިޔަމް އިސާދާ
07 ފެބްރުއަރީ 2025
މާލެ ސިޓީ

އިންދިރާ ގާންދީ މެމޮރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔަވެފައިވަނީ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުންދިޔަ ހާއްސައެހީއަށް ބޭނުންވާ އަންހެނެކެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލަ އައިޖީއެމްއެޗުން ރިޕޯޓް ކުރީ ބުރާސްފަތި ދުވަހުގެ ރޭ 11:30 އެހާއިރު ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހާއަށް އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ބަލި މީހާ ކުއްލިއަކަށް ތެދުވެގެން ދުއްވައިގަތުމުން ވެއްޓިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދެވުނީ ތަނަކުން ވެއްޓިގެން ނޫން ކަމަށް އެނގިފައިވާ ކަމަށާއި އަދި އޭނާގެ ހަށިގަނޑުން ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވި މީހާގެ އާއިލާ ފަރާތުންވެސް އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް މިހާތަނަށް ފުލުހުންނާ ހިއްސާކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމީހާ މަރުވި މައްސަލަ ހުށަހެޅުމުން އާންމުކޮށް އަމަލު ކުރާ އުސޫލުން އޭނާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނެގި ކަމަށްވެސް ފުލުން ބުނެފައިވެއެވެ.

މައްސަލަ ތަހުގީގުކުރަމުންދާކަމެއް ނޫންކަމެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މި މަރަކީ ކުއްލި މަރަކަށްވާއިރު ހަށިގަނޑު ޕޯސްޓް މޯޓަމް ނުހަދާ ވަޅުލި ސަބަބާމެދު ކުރި ސުވާލަށް ފުލުހުންގެ ޖަވާބެއް ލިބިފައިނުވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved