

އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށޭ ރޯދަ މަހާ ދިމާކޮށް ގާނޫނުން ލާޒިމުކުރާ ރޯދަ އެލަވަންސް މި މަހުގެ 20 ގެ ކުރިން ދޫކުރަން އަންގާ ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލަރގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައި ދިނުމަށް ގާނޫނުން ބުނެފައިވާ 3،000 ރުފިޔާ މިމަހުގެ 20 ވަނަ ދުވަހު ދިނުމަށް ވަނީ އަންގަވާފަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށްވެސް ކުންފުނިތަކަށް އަންގަވާފަ އެވެ.
މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގަވާފަ އެވެ.
މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް"އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންވެސް ރޯދަ އެލަވަންސް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް އެ ސަރކިއުލަރގައި އަންގަވާފައިވެ އެވެ.
މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް ރޯދަ އެލަވަންސްގެ ފައިސާ ދިނުމަށްވެސް ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރގައި ވަނީ ބުނެފަ އެވެ.
ދައުލަތުގެ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ވެސް ރޯދަ އެލަވަންސްގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ.
ރޯދަ އިނާޔާތް ދޭން ފެށީ 2015 ވަނަ އަހަރު ވާޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް ރޯދަ އެލަވަންސް ހަމައަށް ނުދިނުމާގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެވެ. އާންމު ގޮތެއްގައި ރޯދަ އެލަވަންސް ނުދެނީ އަމިއްލަ ވިޔަފާރި ކުންފުނިތަކުންނެވެ.