

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ކުރި ހަރަދު ދަސްވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ހަފްތާއެަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީއިން ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުންނެވެ.
އެ ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ބޮޑުތަނުން ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.
ފެބްރުއަރީ 13, ގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭހެން ނެރުނު އެ ރިޕޯޓުގައި ވާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 819 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 324 މިލިއަން ރުފިޔާ އެވެ.
މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު މިހާތަނަށް އޭގެ ތެރެއިން ބޭނުން ކުރެވިފައި ވަނީ އެންމެ 2.62 ޕަސެންޓަވެ.
މީގެ އިތުރުން ދައުލަތަށް ފުރަތަމަ ހަ ހަފްތާގައި ތެރޭގައި ލިބުނު ޖުމުލަ އާމްދަނީއަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ ލިބުނީ 359 މިލިއަން ރުފިޔާ މަދުންނެވެ. ޓެކްސް އާމްދަނީ 192 މިލިއަން ރުފިޔާ މަދުވިއިރު އިމްޕޯޓް ޑިއުޓީން އެކަނި 104.3 މިލިއަން ރުފިޔާ މަދުވެފައިވާކަމަށް ވެސް ހިސާބުތަކުން ހާމަވެއެވެ.
ހަމަ އެހެންމެ ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދު ވެސް ދަށްވި ނަމަވެސް ފުރަތަމަ ހަ ހަފްތާގައި މުސާރަ ހަރަދު ވަނީ 117 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މުސާރަ ހޭދައިގެ ތެރޭގައި މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ރިޓަޔަމަންޓު ބެނެފިޓުތައް ހިމެނެ އެވެ.
އެގޮތުން، މި އަހަރު 1.14 ބިލިއަން ރުފިޔާ ހޭދަކުރިއިރު މިދިޔަ އަހަރު މުސާރަ ހަރަދު ހުރީ އެ މުއްދަތުގައި 1.02 ބިލިއަންގަ އެވެ. އޭގެ ކުރީ 2023 ވަނަ އަހަރު މުސާރަ ހަރަދު އެ މުއްދަތުގައި ހުރީ 959 މިލިއަން ރުފިޔާގަ އެވެ.
މި އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅައިބަލާއިރު ފުރަތަމަ ހަ ހަފްތާގެ ތެރޭގައި މުސާރައަށް ކުރާ ހޭދަ މިވަނީ 11.43 ޕަސެންޓުން އިތުރުވެފަ އެވެ.
ދައުލަތުގެ ހިސާޞުތައް މިފަައިން ހުރިއިރު ދުނިޔޭގެ މަލީ އިދާރާ އައިއެމްއެފުން މިދިޔަ ހްފާތެ ތެރޭގައި ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން ޖެހޭ ކަމަށް ބުނެފައެވެ.