
ތަރައްގީގެ މަސައްކަތެއް ނުހިގިޔަސް އަތޮޅުތަކުން މިދިޔަ އަހަރު ނިމުނު އިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ ހުރި ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ގްރީން ފަންޑަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ޖަމާކުރިއިރު މި މުއްދަތުގައި އެ ފަންޑުން 645 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ގްރީން ފަންޑުއަށް ޖަމާކުރި މިންވަރާއި ހަރަދު
ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ގްރީން ފަންޑް ރިޕޯޓުގައިވާގޮތުން، އެންމެ ގިނައިން ގްރީން ޓެކްސް ދައްކައިފައިވަނީ ކ. އަތޮޅުންނެވެ.
ޑިސެންބަރުމަހު އެންމެ ގިނައިން ގްރީންޓެކްސް ދެއްކި އަތޮޅުތައް:
މީގެ ތެރެއިން ރިސޯޓުތަކުން ގްރީންސް ޓެކްސްގެ ގޮތުގައި ވަނީ، 95.4 މިލިއަން ރުފިޔާ ލިބިފައެވެ. ގެސްޓްހައުސްތަކު ގްރީން ޓެކްސްގެ ގޮތުގައި 7.97 މިލިއަން ރުފިޔާލިބުނުއިރު، ހޮޓާތަކުން ގްރީން ޓެކްސްގެ ގޮތުގައި ވަނީ 2.36 މިލިއަން ރުފިޔާ ލިބިފަ އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.
ގްރީން ޓެކްސްއަކީ ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި ސަފާރީތަކުގެ އިތުރުންވެސް ޓޫރިސްޓުން ބައިތިއްބާ ތަންތަނުން ނަގާ ޓެކްސްއެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 819 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 324 މިލިއަން ރުފިޔާ އެވެ.
މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު މިހާތަނަށް އޭގެ ތެރެއިން ބޭނުން ކުރެވިފައި ވަނީ އެންމެ 2.62 ޕަސެންޓަވެ.
ނަންބަރުތަކަށް ބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވެފައިވީ ނަމަވެސް ސަރުކާރުން ބުނަމުންދަނީ ހުއްޓިފައިވާ މަޝްރޫއުތައް ވެސް އަލުން ފަށައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި، މި އަހަރަކީ އަމަލީ ގޮތުން ތަރައްގީ ފެނިގެންދާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވުމާ އެކު ބަޖެޓު އަރަނި ކަމަށް ދެއްކި ނަމަވެސް ދައުލަތުގެ އާމްދަނީ ދަށްވުމާއި މުސާރަ ހަރަދު ބޮޑުވުމުގެ ސަބަބުން އޮތް މާލީ ގޮންޖެހުންތައް ދަނީ އިތުރުވަމުންނެވެ.










