

ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރުގެ ހާދިސާ ހިނގި ސަރަހައްދު ދޫކޮށް ހުރިހާ ފުލުހުން ވެސް ދިޔަކަމަށް ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ ހާމަކޮށްފިއެވެ.
ނިޔާވި ޒަކިއްޔާގެ ފިރިމީހާގެ ޅިޔަނު މުހައްމަދު އަލީ މިފަދައިން ހާމަކޮށްފައިވަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެ ރަށުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އިއްޔެއިން ފެށިގެން ރަށުގައި ކުރިއަށް ގެންދިޔަ އިހުތިިޖާޖުގެ ތެރެއިން މިއަދު ހެނދުނު ކައުންސިލް ދޮށަށް ރައްޔިތުން އެއްވެ ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ކައުންސިލްގެ ނައިބު ރައީސު ނުކުތުމަށް ގޮވަމުން ދިޔަ ވަގުތުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުން މުހައްމަދު އަލީ އާ ވަކިން ބައްދަލުކުރުމަށް އެދުމުން ފުރަތަމަ އޭނާ ވަނީ ކައުންސިލުން ނުނިކުމެ އޭނާއަށް ޚާއްސަކުރެވިފައިވާ ގޮނޑިގައި ހަމަޖެހިގެން އިންނަވާ ވަގުތު ހޭދަ ކުރައްވާފައެވެ. ނަމަވެސް ރައްޔިތުން ދޫ ނުދީ ކައުންސިލް ތެރެއަށް ވަދެ ނައިބު ރައީސް އާ ބައްދަލުކުރުމަށް އެދުމުން ގޮތް ހުސްވެ މުހައްމަދު އަލީ ވަނީ ނުކުމެ ކައުންސިލް ދޮރުމަތީ ހުންނަވާ ރައްޔިތުންގެ ބައެއް ސުވާލުތަކަށް ޖަވާބުދީފައެވެ.
އެގޮތުން އޭނާ ވަނީ ޒަކިއްޔާ މަރުވި ހާދިސާގައި ބޭނުންކުރި ވަޅި ކަމަށް ބުނާ ވަޅީގައި އޭނާއަށް އެންމެ ފުރަތަމަ ވަޅި ފެނުނުއިރު ވެސް ލޭ ހުރިކަން ފާހަގަވެފައި ނުވާކަމަށް ބުނެފައެވެ. އަދި ޒަކިއްޔާގެ ހަށިގަޑު ހިފައިގެން ހުރިހާ ފުލުހުން ސީން ދޫކޮށްދިޔައިރު ގުދަނުގައާ ގޭގައިވެސް މީހުން ތިބިކަން އޭނާގެ ވާހަަކައިން ވަނީ ހާމަވެފައެވެ.
މުހައްމަދު އަލީ މިފަދައިން ވިދާޅުވި ނަމަވެސް ފުލުހުން ޒަކިއްޔާގެ މަރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސީންގެ ކޮންޓްރޯލު ފުލުހުންގެ އަތުން ނުގެއްލޭ ކަމަށެވެ.
ހޮޅުދޫގެ ރައްޔިތުން ނުކުމެ ޒަކިއްޔާގެ މަރަށް އިންސާފު ހޯދަން ކުރަމުން ގެންދާ އިހުތިޖާޖުގެ ތެރެއިން އިއްޔެ ފުލުހުންވަނީ ހާލަތާ ނުވައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުން މޫނަށް އިންޒާރު ދިނުމަކާ ނުލާ ޕެޕާރ ސްޕްރޭ ޖަހާ އަދި ބަނދަރު ސަރަހައްދަށް އެއްވި އުމުރުން ދުވަސްވީ މީހަކުވެސް ކޮށްޕާ މޫދަށް ވައްޓާލާފައެވެ.