ރައްޔިތުންގެ ބިމެއްގައި ހުރި ހޮޅުދޫ ޕޮލިސް ސްޓޭޝަން ހުސްކުރުވަން ކައުންސިލުގައި އެދިއްޖެ / ތޭރަ އޮންލައިން
ހަބަރު
ހޮޅުދޫ ޕޮލިސް ސްޓޭޝަން ހުރި އިމާރާތް ހުސްކުރުމަށް އެ ރަށު ރައްޔިތުން ކައުންސިލުގައި އެދިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
24 ފެބްރުއަރީ 2025
ނޫނު އަތޮޅު

ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަން ހުރި އިމާރާތް ހުސްކުރުމަށް އެ ރަށު ރައްޔިތުން ކައުންސިލުގައި އެދިއްޖެއެވެ.

އެ ރަށު މާރަނގަ ޒަކިއްޔާ މޫސާ މަނިކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނި، އެ މައްސަލަ ތަހުގީގުނުކުރެވި ލަސވަނީ އެ ދުވަހު ހޮޅުދޫގައި ތިބި ފުލުހުން ކްރައިމް ސީން ދޫކޮށް ދިއުމުން ހެކި ގެއްލިފައިވާތީ ކަމަށް އެ ރަށުގެ ގނަ ރައްޔިތުން އިއްތިފާގުވެއެވެ. އަދި ޒަކިއްޔާގެ މަރަސް އިންސާފު ހޯދުމަށް ގޮވާލާ ރަށުގައި ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ފަސް މަސްވެފައިވާއިރު، މިހާރު ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލާ ރައްޔިތުން ގެންދަނީ ކައުންސިލް އިދާރާއަށާ އެ ރަށުގައި ހުރި ފުލުހުންގެ އިދާރާ ދޮށަށް އެއްވެ އިހުތިޖާޖު ކުރަމުންނެވެ.

އެގޮތުން ކައުންސިލުން ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްނުކުރާކަމުގެ ތުހުމަތާ އަދި ފުލުހުން އެ ދުވަހު އަމަލުކުރި ގޮތުގެ ސަބަބުން ރަށުގައި ހިނގި ބިރ ބޮޑު ކަމެއްގެ ހެކި ނެތިގެން ދިއުމުންވެސް ފުލުުހުންވެސް އަދި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުންވެސް އެކަންކަމަށް ބަސް ނުބުނެ ތިބޭ ތިބުން ހޮޅުދޫގެ ރައްޔިތުން ކުށްވެރިކުރެއެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރުގެ ތަހުގީގު ފުރިހަމައަށް ކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލާ ފާއިތުވި ދެދުވަހު ކުރި އިހުތިޖާޖުގެ ތެރެއިން ފުލުހުން ރައްޔިތުންނަށް އަނިޔާވެރިވެފއިވާތީއާ އެކު މިއަދު ކައުންސިލަށް ރައްޔިތުން ވަނި މެންދުރު ފަހުގެ ވަގުތެއްގައި ވަދެފައެވެ. އެކަމަށް ވެސް ފުލުހުން ހުރަސް އެޅުމުން ރައްޔިތުން ވަނީ އެ ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންނާ ބައްދަލުކުރަން ފުލުހުންނަށް ހުރަސް ނޭނލޭނެ ކަމަށް ބުނެ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ގޮވަލާފައެވެ.

ރަށު ކައުންސިލްގެ ފަރާތުން ކައުންސިލް ރައީސް ރިޟްވާން ފަހުން ރައްޔިތުންގެ ތެރެއިން ހޮވާލެވުނު ޓީމަކާ ބައްދަލުކުރުމުން އެ ރައްޔިތުން ވަނީ ބައެއް ކަންކަމަށް ޑިމާންޑްކޮށްފައެވެ. އެގޮތުން އެ ރައްޔިތުން ބައިތިއްބައިގެން ރަށު ކައުންސިލުން ފުލުހުންނަށް ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކޮށް ލޔުމުން ހުށަހެޅުމަށާ އަދި މިވަގުތު ހޮޅުދޫގައި ހުރި ޕޮލިސް ސްޓޭޝަނަކީ ރައްޔިތުންގެ ބިމެއްގައި ހުރި ތަނަކަށްވުމުން ރައްޔިތުންނާ މެދު އަނިޔާވެރިވާ ބަޔަކަށް ރައްޔިތުންގެ ބިމުން ޖާގަ ދޭން ބޭނުންނުވާތީ އެ ބިމާ ުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް ތަންހުސްކުރުމަސް ފުލުހުންނަށް ކައުންސިލުން އެންގުމަށްވެސް އެދިފައިވެއެވެ.

ހޮޅުދޫގެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި ޒަކިއްޔާގެ ގާތިލުންނާ ބައިވެ ފުލުހުންވެސް ވަނީ މުޅި ހާދިސާ އޮޅުވާލަން މަސައްކަތްކޮށްފައެވެ. އަދި ފުލުހުންގެ އިހުމާލުން ޒަކިއްޔާގެ މަރުގެ ހެކި ނެތިފައިވާތީ އެކަމުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގާ ތެދު ބަހުން ވާހަކަ ދެއްކުމަށް ވެސް ހޮޅުދޫގެ ރައްޔިތުންވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved