ހޫނު ހަބަރު / ތޭރަ އޮންލައިން
ހަބަރު
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އެބަ އޮތް: ވަޒީރު
Mariyam Isaadha
މަރިޔަމް އިސާދާ
25 ފެބްރުއަރީ 2025
މާލެ ސިޓީ

ނ. ހޮޅުދޫގައި ނިޔާވި ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެ އެބަ އޮތްކަމަށް ވަޒީރު އަލީ އިހުސާން އިއުތިރާފުވެވަޑައިގެންފިއެވެ.

އިހުސާން މިކަމަށް އިއުތިރާފުވެވަޑައިގެންފައިވަނީ ސަރުކާރަށް ޕްރެޝަރ ބޮޑުވެ ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހުއެވެ.

އެ ދުވަހު ކަން ވެގެން ދިޔަ ގޮތް ނުހަނު ގާތުން ދުށް އެތައް ރައްޔިތަކު ވަނީ މިރޭގެ ބައްދަލުވުމުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެ ދުވަހު ކަން ހިނގާ ދިޔަ ގޮތާ ފުލުހުންގެ ގޮތުގައި އެ ދުވަހު ހޮޅުދޫގައި ގާއިމުވެ ތިބި ފުލުހުން ސީން އާ މެދު ކަންކުރި ގޮތްވެސް ސަރީހަކޮށް ކިޔައިދީފައެވެ.

އޭގެ ތެރެއިން ގިނަ ރައްޔިތުން ވަނީ ފުލުހުންގެ ތަހުގީގަށް ވެސް އެ ހުރިހާ ވާހަކަތަކެއް ހިއްސާކުރި ނަމަވެސް ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ވާހަކަ ދައްކާފައިވަނީ ވަކި އަތަކަށް ބުރެވެކަން ފާހަގަކޮށްފައެވެ.

ރައްޔިތުންގެ ވާހަކަތަކަށް ފަހު ވަޒީރު ވިދާޅުވީ ރައްޔިތުން ހިއްސާކުރި މައުލޫމާތު އަޑު އެހުމަށް ފަހު، ޒަކިއްޔާގެ މަރުގެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތުގައި އިހުމާލު އެބައޮތް ކަމަށް ވިދާޅުވާން ޖެހޭ ކަމަށެވެ.

އެގޮތުން ފުލުހުންގެ ފަރާތުން އެ ދުވަހު އަމަލުކުރި ގޮތުގެ ވާހަކަ ރައްޔިތުން ހިއްސާކުރި އިރު އޭގައި ބޮޑެތި ކަންބޮޑުވުން ހުރިކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒަކިއްޔާގެ ޕޯސްޓް މޯޓަމް ނުހެދި ނުހެދުމަކީ ކިހިނެއް ނެގި ޑެސިޝަނެއް ކަމެއް އެމަނިކުފާނަށް ނޭނގޭ ކަމަށާ ނަމަވެސް އެ ޑެސިޝަން ރަގަޅު ނޫން ކަމަށްވެސް ވަޒީރު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ހޮޅުދޫގެ ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ 6 މަސް ފުރެން ގާތްވެފައިވާއިރު ރައްޔިތުން ވަނީ ހޮނިހިރު ދުވަހުން ފެށިގެން މެދު ކެނޑުމެއް ނެތި އިހުތިޖާޖުކޮށް ކައުންސިލް ދޮށަށާ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަން ދޮށަށް ވެސް އެއްވެ ޖަވާބެއް ނުލިބޭހާ ހިނދަކު އިހުތިޖާޖުތައް ހުއްޓާނުލާނެ ކަމަށްވެސް އަޑު އުފުލާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved