

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ޖުޑީޝިއަރީ ކޮމިޓީގައި ތާއިދުނުކުރެއްވި ނަމަވެސް، މިއަދު ތަޅުމުގައި ބިލަށް ވޯޓު ދެއްވީ "ޓީމާ"އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އެ ބިލު ދިރާސާކޮށް ބިލާ މެދު ގޮތެއް ނިންމަން ބޭއްވި ޖުޑީޝަރީ ކޮމިޓީގައި ބިލު ފާސްކުރަން ނެގި ވޯޓުގައި އަނާރާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވި އެވެ. އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އެންމެ ހަތް ދުވަހަށް ކުރުކޮށްފައިވާތީ އެވެ. ނަމަވެސް އެ މާއްދާ އަށް އޭނާ އެއްވެސް އިސްލާހެއް ހުށަހަޅުއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
ބިލް އޮތް ގޮތަށް ކޮމިޓީން ފާސްކުރަން ރޭ އެހި ވޯޓުގައި އަނާރާ ވޯޓު ދެއްވީ ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަނާރާ ވޯޓު ދެއްވީ ބިލު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ބިލް ފާސްކުރަން ވޯޓު ދޭން ޕީއެންސީން ތްރީލައިން ވިޕެއް ނެރެފައިވާއިރު، އެ ވޯޓުގައި ބައެއް މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
އަނާރާގެ ވިސްނުން "ބަދަލުވި ގޮތް" އިނގޭ ޕީއެންސީގެ ޕާލަމެންޓް މެންބަރަކު ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން "ޗެނަލް ތޭރަ" އަށް ވިދާޅުވީ އަނާރާގެ ވިސްނުން ބަދަލުވީ މުއިއްޒު ފޮނުވި މެސެޖަކުން ކަމަށެވެ. އެ މެސެޖުގައި "ފަހުން ވާނެ ގޮތާމެދު ވިސްނުމަށް އެދެން" މިހެން ލިޔެފާ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މެސެޖް ހަމަ އަޒާން އަށް ވެސް ލިބުނު ކަމަށާއި ރައްދުގައި އަޒާންގެ ޖަވާބަކަށް މުއިއްޒު އަށް ދެންނެވީ "ސޮރީ" ކަމަށެވެ.
މަޖިލީހަށް ބިލް އިއްޔެ ބަލައިގަތް ވޯޓުގައި ވެސް މެންބަރު އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ފަހުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިޕްލައިނާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން އަންގައިފަ އެވެ. އަދި ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ރޭ ވަނީ ނެރެފަ އެވެ.
އަޒާން މިއަދު މަޖިލީހުގެ ޖަލްސާއަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް، ވޯޓުގެ ވަގުތު ޖެހުމުން އޭނާ ވަނީ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.
އަޒާން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރާ ބިލަށް ވޯޓު ނުދެއްވީ އެ ބިލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އަނާރާ ފޮނު އަރުވާފައި ބިލާ ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެ ކޮމިޓީގައި ދެއްކި ވާހަކައާއި ދެކޮޅަށް މިއަދު މަޖިލީސް ތަޅުމުގައި ވޯޓު ދެއްވީ ރައީސް މުއިއްޒު އެދިލެއްވި ގޮތަށެވެ. އަނާރާ ފަހުން ވާނެ ގޮތާމެދު ވިސްނެވީ ތާ އެވެ.
އަނާރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދެންމެ ވިދާޅުވީ ކޮމިޓީގައި ބިލްތަކަށް ހިޔާލު ފާޅުކުރައްވާނެ ކަމަށެވެ.
އަނާރާ އެހެން ވިދާޅުވުމާ ގުޅިގެން، ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ، އަނާރާގެ ވާހަކަ ބަލައިނުގަނެވޭނެ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
ދިޔާނާ ފޭސްބުކްގައި ވިދާޅުވީ، ރައްޔިތުން އިންސާފު ހޯދަން ދާން އޮތް ނިޒާމަށް "އަތްބާނާ ކަރަށް ފިތާލީމަ ވެސް" ވަޑައިގަންނަވަން ޖެހޭނީ އެ ޓީމާއެކުތޯ ސުވާލު ކުރައްވައިފަ އެވެ.
މަޖިލީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ ބިލް މިއަދު ފާސްކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް އެ ކޯޓުން ބަލަމުން ދަނިކޮށެވެ.
ބިލު ފާސްކުރިއިރު މިއަދު ހެނދުނު 11:00 އަށް އޮތީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން ފެށުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފައިވާ ކަމަށާއި، އެހެންވެ އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައެވެ.
ސަސްޕެންޑުކޮށްފައިވަނީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމީ އެ ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އޭސީސީން ޖޭއެސްސީއަށް އަންގާފައިވާތީ އެވެ.
ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ތަހުގީގީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފިކަން އެ ކޮމިޝަނުގެ ސަމާލު ކަމަށް އަންނަތާ 48 ގަޑިއިރުގެ ތެރޭގައި އެ ފަނޑިޔާރަކު ސަސްޕެންޑްކުރުމާ މެދު ކޮމިޝަނުން ވަކި ގޮތެއް ނިންމަން ޖެހޭނެ އެވެ.
ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނި ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.