

މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ލުޔެއް ގެނައުމަށް މާލެ ސިޓީ ކައުންސިލުން ގެނައި ފެން ހިންދާ ދެ ޕަމްޕަށް ފައިސާ ދެއްކީ ސަރުކާރުން ކަމަށް ބުނެ ފަތުރަމުން ދަނީ ފޮގުކަން ހާމަވެއްޖެއެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު "ތޭރަ އޮންލައިން"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޕަންޕު ގެނައުމަށް ޕާޗޭސިން ވެސް ހެދީ ސީދާ މޭޔަރ އާދަމް އާޒިމް ކަމަށާ އޭގެ ފަހުން ޕްރޮކިއުމަންޓު އާރުޑީސީއާ ހަވާލުކުރި ނަމަވެސް ޕަންޕަށް ދައްކަން ޖެހޭ ފައިސާ ދެއްކީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.
ތޭރަ އޮންލައިނަށް ވަނީ ފައިސާ ދެއްކި ރަސީދުގެ ކޮޕީއެއްވެސް ލިބިފައެވެ. އެގޮތުން ދެ ޕަންޕަށް ވާ ދިވެހި ފައިސާ، 3،197،491.20 (ތިން މިލިއަން އެއް ލައްކަ ނުވަދިހަ ހަތް ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ވިހި ލާރި) ދައްކާފައިވަނީ މާލެ ސިޓި ކައުންސިލުންނެވެ.
ޕަމްޕުތައް ގެނައުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2024 ގައި ކަމަށް ސިޓީ ކައުންސިލުން ކުރިން ބުނެފައިވެއެވެ.
މާލެ ސިޓިގައި ވާރޭ ބޯކޮށް ވަރޭވހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ނުލިނި ގިނަ ދުވަސްވެފައިވަނިކޮށް މިހާރުގެ މޭޔަރުގެ އިސްނެންގެވުމާ އެކު ގެނައި ދެ ޕަންޕަކީ ފެން ގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެވޭ ވަރުގެ ގާބިލު ބިޔަ ދެ ޕަންޕެވެ. މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ.
މި ދެ ޕަންޕުވެސް ޑިފެންސް މިނިސްތްރީގެ ބެލުމުގެ ދަށުގައި ބަހައްޓާ ގޮތަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެެވެ.