

އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު އަދިވެސް ދަށަށް ދިޔަކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ހާމަ ކުރާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން މި މަހުގެ 6ވަނަ ދުވަހާއި ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 436 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 164 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މި މުއްދަތުގައި ދައުލަތަށް ޓެކްސް ފައިސާގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވެސް 115 މިލިއަން ދަށެވެ. މީގެ އިތުރުން ސަރުކާރުން މުސާރައަށް ކުރި ހަރަދު އިތުރުވިކަންވެސް ހާމަވެފައިވެއެވެ.
ނަމަވެސް މި މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އިތުރެވެ. އާމްދަނީ އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ބީދޭސީން ކޯޓާ ފީ މަތިވުމެވެ.
އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ގެ ނިޔަލަށް ލިބުނު އާމްދާނީއަކީ 7.18 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 7.16 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ޚަރަދުތަކުގެ ތެރެއިން 93 އިންސައްތައަކީ ރިކަރަންޓް ޚަރަދުތަކެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި، އޮފީސްތައް ހިންގުމަށް ހިނގާ ޚަރަދުތައް ހިމެނެއެވެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު މިއީ މުޅި ޚަރަދުގެ 6 އިންސައްތައެވެ. އެއީ ޤައުމުގެ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރެވޭ ޚަރަދުތަކެވެ.