ގޯތި ވައްކަން: ކުރިން ލަފާކުރިގޮތައް ރައީސް މުއިއްޒުގެ އެކުވެރި ފަޒުލް ހިމެނޭހެން އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި / ތޭރަގްރެފިކްސް
ހަބަރު
ގޯތި ވައްކަން: ކުރިން ލަފާކުރިގޮތަށް ރައީސް މުއިއްޒުގެ އެކުވެރި ފަޒުލްގެ ޕާސްޕޯޓު ދޫކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 މާރިޗު 2025
މާލެ ސިޓީ

އެޗްޑީސީގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓި ރައީސް ޑރ. މުއިއްޒުގެ އަރިސް ސިޔާސީ ރަހްމަތްތެރިޔާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން އެ މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި އެންމެންގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.

އަމިއްލަ ބޭބެއަށް ހުޅުމާލެއިން އުސޫލުން ބޭރުން ގޯއްޗެއް ދިނުމާއި އަދިވެސް އެހެން ސީރިއަސް ތުހުމަތުތަކެއް އަމާޒުވެ، މަގާމުން ސަސްޕެންޑްކޮށްފައި ހުއްޓާ އަމިއްލައަށް އިސްތިއުފާ ދެއްވި ފަޒުލް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ތަން ބަލައި ފާސް ކުރީ މިދިޔަ 24 ޑިސެމްބަރުގަ އެވެ.

 އެ އޮޕަރޭޝަންގައި ފުލުހުން ހޯދީ 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާއެވެ. އެ ފައިސާ އަނބުރާ ފަޒުލްއާ ހަވާލުކުރިކަން ފުލުހުން ވަނީ މިފަހުން ކަށަވަރުކޮށްދީފަ އެވެ.

ގޯތި މައްސަލައިގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމާއި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ގޮތް ނިންމި ކަމަށް ވެސް ފަޒުލްއަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް ތިލަފުށިން ބިން ދިނުމާއި އޭނާގެ އަނބިކަނބަލުންނަށް ހާއްސަ އުސޫލަކުން ގޯއްޗެއް ވިއްކި މައްސަލައެއް ވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ ޓީމުން މިރޭ ބުނީ ޕާސްޕޯޓު ހިފެހެއްޓި ހުރިހާ މީހުންނަށް ޕާސްޕޯޓުތައް ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތަށް ކަންކުރަން ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ.

ފަޒުލް އަކީ މިހާރުގެ ރައީސް ޑރ. މުއިއްޒުގެ "އަރިސް" ބޭފުޅެކެވެ. އެހެންވެ ފަޒުލް ރަޝީދަށް ފުލުހުން ކުރާ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު މިހާރު ވަނީ "އޮބި" ފައެވެ. އަދި އޭނާ އެހުރީ މިނިވަން ކަމާއިއެކު ފިނި ކޮޓަރި އެއްގައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved