

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުޑަ އީދު ބަންދުގައި ޗުއްޓީއަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ލިވަޕޫލް އަށެވެ. މިކަން ރައީސް އިއުލާން ކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ގައި އެވެ.
މި ދަތުރުގައި ރައީސް އާއެކު ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއު, އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ސަރުކާރުގެ ބޮޑު ވަފުދެއްވެސް ރައީސް އަރިހުގައި ގެންދެވި އެވެ.
މި ދަތުރުފުޅުގެ ތެރެއިން ލިވަޕޫލް އެވަޓަން ބައްދަލުކުރި މެޗް ބައްލަވަން ވެސް ރައީސް ވަޑައިގެންނެވި އެވެ. އަދި އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ އެމަނިކުފާނުގެ ދަރިކަލުންނާ ވެސް ބައްދަލުކުރެއްވި އެވެ.
އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި ރައީސް ބޭރުގެ ގިނަ ގައުމުތަކަށް ދަތުރު ކުރައްވާތީ ގިނަބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ. ވެރިކަމަށް 16 މަސް ވީއިރު ބޭރުގެ 16 ގައުމަކަށް މިހާރު ވެސް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ.
މި ދަތުރުފުޅުތަކުން ދިވެހި ގައުމަށް ލިބޭ މާލީ މަންފާއަށް ވުރެ ބޮޑަށް ރައީސްގެ ދިރިއުޅުއްވުމަށް ލިބޭ ހިންހަމަޖެހުން ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ކުރަމުން ނެވެ. މިފަދަ ދަތުރު ތަކުގައި އަގުބޮޑެތި ޝޮޕީން މޯލް ތަކަށް ވަޑައިގެން ރައީސް އާއި އެމަނިކުފާނުގެ ޓީމް ފޮޓޯ ނެންގެވުމާއި ބާޒާރު ކުރައްވާ މަންޒަރުތައް މީގެ ކުރިން ވަނީ ފެނިފަ އެވެ.
ރައީސް ލިވަޕޫލްގައި ޗުއްޓީއަށް ވަޑައިގެން ސަރުކާރު އިސްތިހާރުވުމަށް ބޮޑު ހަރަދެއް ކުރައްވާއިރު ސްރީލަންކާއިން އާސަންދަ ހިދުމަތް ފޯރުކޮށްދޭ ގިނަ ހޮސްޕިޓަލްތަކަށް ދިވެހި ސަރުކާރުން ފައިސާ ނުދައްކާތީ އެތަންތަނުން ދިވެހިންނަށް ދޭ "އާސަންދަ" ހިދުމަތް މެދުކަނޑާލި ވާހަކަ ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަށް އަދިވެސް އޮތީ ހައްލެއް ނުލިބި އެވެ.
މީގެއިތުރުން ނިމުނު ރޯދަމަހުގެ ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާ ވެސް ރައްޔިތުން އަންނަނީ ކުރަމުންނެވެ. ރޯދަ އަށް ޑިސްކައުންޓް ދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ބިލުން ނުފެންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން ނެވެ.
މި ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް އަދި އެމަނިކުފާނާ އެކު ވަޑައިގެންނެވި ވަފުދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.
ސުވާލަކީ ނިމުނު ކުޑަ އީދު ބަންދަށް ތި ބޭފުޅުންނަށް ދެވުނީ ކޮންތާކަށް ހެއްޔެވެ؟ ކޮންގައުމަކަށް ހެއްޔެވެ؟