February 24, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ކުރި ހަރަދު ދަށްވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 4, 2025, 10:00 PM

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ކުރި ހަރަދު ދަށްވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ ހަފްތާއެަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީއިން ނެރޭ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.

އެ ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ 10 ހަފްތާގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ބޮޑުތަނުން ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

އެގޮތުން ފުރަތަމަ 10 ހަފްތާގެ ތެރޭގައި ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭހެން ނެރުނު އެ ރިޕޯޓުގައި ވާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ 10 ހަފްތާގެ ނިޔަލަށް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 922.7 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 576.5 މިލިއަން ރުފިޔާ އެވެ.

މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދު ވެސް ދަށްވި ނަމަވެސް ފުރަތަމަ 10 ހަފްތާގައި މުސާރަ ހަރަދު ވަނީ 249.7 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. މުސާރަ ހޭދައިގެ ތެރޭގައި މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ރިޓަޔަމަންޓު ބެނެފިޓުތައް ހިމެނެ އެވެ.

މި އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅައިބަލާއިރު ފުރަތަމަ 10 ހަފްތާގެ ތެރޭގައި މުސާރައަށް ކުރާ ހޭދަ މިވަނީ 11.43 ޕަސެންޓުން އިތުރުވެފަ އެވެ.

ދައުލަތުގެ ހިސާބުތައް މިފަައިން ހުރިއިރު ދުނިޔޭގެ މަލީ އިދާރާ އައިއެމްއެފުން ރާއްޖޭގެ އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން ގޮވާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved