ޒަކިއްޔާގެ ހަށިގަނޑު ނަގައިގެން ޕޯސްޓު މޯޓާމް ހަދަން އެދިއްޖެ / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ ހަށިގަނޑު ނަގައިގެން ޕޯސްޓުމޯޓަމް ހަދަން އެދިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
10 އޭޕްރީލު 2025
މާލެ ސިޓީ

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ މަނިކުގެ ހަށިގަޑު އަލުން ނަގައިގެން ޕޯސްޓު މޯޓަމް ހަދަން އެދިއްޖެއެވެ.

މިފަދައިން އެދިފައިވަނީ ޒަކިއްޔާގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާންއަށާ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފަށް ފޮނުވި ސިޓީއެއްގައެވެ.

ސިޓީ ކޮޕީއެއް މި ނޫހަށް ލިބިފައިވާއިރު ސިޓީގައި ބުނެފައިވަނީ، ޓްރެޑިޝަނަލް އޮޓޮޕްސީއެއް ނުވަތަ ވާޗުއަލް އޮޓޮޕްސީއެއް ހެދިޔަސް އިންސާނަކު އޭނާގެ ކަރުގައި ވާއަތް ފަރާތުގައި އަމިއްލައަށް ތިން ފަހަރު ވަޅި އަޅައި، ކަނާއަތް ފަރާތުގައި ދެ ފަހަރު ވަޅި އަޅައިގެން އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

އެހެންކަމުން، މި މައްސަލައިގެ ހަގީގަތް ބެލުމަށްޓަކައި އަދި މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފުލުހުންގެ ފަރާތުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓަށް ބެލުމަށްފަހު އަލުން އެކަން ދެނެގަތުމުގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އާއިލާގެ ފަރާތުން ވަކީލު ފާހަގަކުރެއްވީ ޒަކިއްޔާ މޫސާ މަރުވި ދުވަސް ކަމުގައިވާ 10 ސެޕްޓެމްބަރ 2024 އިން ފެށިގެން މިއަދާ ހަމައަށް މަރުގެ ޙަޤީޤަތް ހޯދުމުގައި އެކަށީގެންވާ ތަހުގީގެއް ހިންގިފައިވާ ކަމުގައި އާއިލާއިން ނުދެކޭ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ހަދާފައިވާ ބައެއް ގޯސްތައް ހުދު މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރ ވެސް ފާހަގަކޮށްފައިވާ ކަމަށާ އެގޮތުން، އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއްނޫން ކަމާއި، އެއީ ތަހުގީގީ މަރުހަލާގައި ހެދުނު ގޯހެއް ކަމަށް 26 ފެބްރުއަރީ 2025 ގައި ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް ދެބޭޅުން ދެއްކެވި ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ކަމަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން ވަކީލުން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އޮޓޮޕްސީ ހެދުމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ފަރާތުން ކުރުމަށް ގަސްތުކޮށްފައިވާ ކަމަކަށްނުވާއިރު ޒަކިއްޔާ މޫސާ މަރުވިތާ 210 ދުވަސް ފަހުން، ނުވަތަ ޒަކިއްޔާ މަރުވިތާ 6 މަހާއި 29 ދުވަސް ފަހުން ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށްބުނެ މީޑިއާއަށް ނުސީދާގޮތެއްގައި ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާތީ އެކަމާ އާއިލާއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވެސް ވެއެވެ. ޒަކިއްޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެމެ އޮޓޮޕްސީއެއް ހެދުމުގެ ނިޔަތެއް ފުލުހުންގެ ކިބައިގައި ނެތް އިރު، ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމާއި، ޒަކިއްޔާ މޫސާގެ މަރަކީ އަމިއްލަ ނަފްސަށް ގެއްލުންދީގެން ހިނގާފައިވާ މަރެއް ކަމަށް ބުނެފައިވާތީ އެކަމާ ގުޅޭ ގޮތުން އާއިލާއިން މައުލޫމާތު ބޭނުންވާ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ކަންއެހެން އޮތުމުންނާ އެކު މައްޔިޔާ ވަޅުލުމަށްފަހުވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެއްކަން ފާހަގަކޮށް އެއީ ރާއްޖޭގައިވެސް އާ ކަމެއްނޫންކަމަށްވާތީއާ އެކު ޒަކިއްޔާގެ ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އާއިލާއިން އެދިފައިވެއެވެ.

ޒަކިއްޔާގެ އާއިލާގެ ފަރާތުން ކަމާ ގުޅުން ހުރި އިދާރާތަކަށް ފޮނުވި ސިޓީގައި މައިގަނޑު 8 ކަމަކަށް އެދިފައިވެއެވެ. އޭގެ ތެރޭގައި:

  • ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ، ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުގެ ކޮޕީ؛ (ރިޕޯޓުގެ ކޮޕީ ޙިއްސާކުރެވެން ނެތްނަމަ ކަމާބެހޭ ފަންނީ ބޭފުޅަކާއެކު އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ނުވަތަ ފުލުހުންގެ ކަނޑައަޅާ ތަނެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުން).

  • ވާޗުއަލް އޮޓޮޕްސީ ހެދުމަށް ގަސްތުކުރި ތާރީޚަކީ ކޮބައިކަން ހިއްސާކުރުން

  • ވާޗުއަލް އޮޓޮޕްސީއެއް ހެދުމުގެ ވިސްނުން ގެންގުޅެ، އެ ވިސްނުމުގެ މައްޗަށް ބިނާކޮށް ނުވަތަ އެ ނިޔަތުގައި އެގޮތަށް ނަގާފައިވާ އެއްވެސް ސްކޭނެއް އޮތްކަން ނުވަތަ ނޫންކަން ހާމަކޮށްދިނުން.

  • ރާއްޖެއިން ބާރުގެ އެއްވެސް ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދާފައިވާނަމަ ލަފާ ހޯދި ހޮސްޕިޓަލުގެ ނުވަތަ އެނޫންވެސް ކަމާގުޅުންހުރި އެއްވެސް ފަރާތެއް ކަމުގައިވިޔަސް އެކަމާ ގުޅިގެން ލަފާ ހޯދާފައިވާ ކަމަށް ބުނާ ޚަބީރުންގެ ނަންތަކާއި، އަދި ލަފާ ދެއްވި ތާރީހުތަކާއި، އެބޭފުޅުންގެ ވަނަވަރު އާންމުކޮށްދެއްވުމާއި، ފުލުހުންގެ އިދާރާއިން ނުވަތަ ތަހުގީގުކުރާ ފަރާތުން ހިއްސާކޮށްފައިވަނީ ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށްޓަކާ ނަގާފައިވާ ނުވަތަ އެމަގުސަދަށް ބަލައިގެން ސީދާ އެބޭނުމަށް ނަގާފައިވާ ސްކޭންތަކެއްތޯ ނުވަތަ ސީނަށް ގޮސް ނަގާފައިވާ ފޮޓޯތަކެއްތޯ ސާފުކޮށްދިނުން

  • ތަހުގީގުކުރާ ފަރާތުން ޒަކިއްޔާ މޫސާގެ ފޮރެންސިކް ނުވަތަ މެޑިކޯ ލީގަލް އޮޓޮޕްސީއެއް ހަދާފައިވޭތޯ އޮޅުންފިލުވައިދިނުމާ އެފަދަ ރިޕޯޓެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓު ހެދި ތާރީޚަކީ ކޮބައިކަން ސާފުކޮށްދިނުން އަދި އެފަދަ އޮޓޮޕްސީއެއް ހަދާފައިވާނަމަ އެ ރިޕޯޓުގެ ކޮޕީ ހިއްސާކުރުން. ރިޕޯޓު ހިއްސާކުރެވެން ނެތްނަމަ، މިނިސްޓަރީން ނުވަތަ ފުލުހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމާބެހޭ ފަންނީ ބޭފުޅަކާއެކު އެ ރިޕޯޓު ބަލައި ދިރާސާ ކުރުމުގެ ފުރުސަތު ދެއްވުން.

  • މެޑިކަލް ޓޮކްސިކޮލޮޖީ ރިޕޯޓެއް ތައްޔާރުކޮށްފައިވާނަމަ އެކަމުގެ މައުލޫމާތު އަދި އެ ރިޕޯޓު ހިއްސާކޮށްދިނުން ނުވަތަ ހާމަކޮށްދެއްވުން.

  • އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަތައް ބަލައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދިނުން.

  • ޒަކިއްޔާ މޫސާގެ ނަފްސާނީ ބަލި ހާލަތުގެ ގޮތުގައި ޑައިގްނޯސް ކުރެވިފައިވަނީ ކޮން ބާވަތެއްގެ ބައްޔެއްތޯ އެކަމާ ގުޅޭގޮތުން ހުރި ލިޔެކިޔުންތައް ހިއްސާކޮށްދެއްވުން.

މީގެއިތުރުން، މިކަމުގައި އިންސާފު ގާއިމްކޮށް ދިނުމަށާއި، އަދި މި މައްސަލާގައި ފުލުހުންގެ އަމަލުކޮށްފައިވާ ގޮތުން މި ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތު ފުށޫއަރާ ކަމަކަށްވާތީ، ފުލުހުން މި ތަހުގީގުން އެކަހެރިވެ، މުޅި ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދޭން އާއިލާއިން ވަނީ އެދިފަ އެވެ.

ވަކި ގޮތަކަށް ތަހުގީގު ނިމިފައި ނުވާ ކަމެއްގައި އަދި އެ މައްސަލާގައި ރަށު ތެރޭގައި ނުތަނަވަސްކަން ވެސް އޮއްވައި، ވާޗުއަލް އޮޓޮޕްސީ ހަދާފައިވާ ކަމާއި ނަފްސާނީ ބަލި ހުރުމުން، އަމިއްލައަށް މަރުވީ ކަމަށް ދޭހަވާ މޭރުމުން ޚަބަރު ފެތުރިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އާއިލާއިން ކަންބޮޑުވާކަމެއްގެ ގޮތުގައި ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން އެއީ އަމިއްލައަށް މަރުވި މަރުވުމެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ފުލުހުން ވަނީ މީގެ ކުރިން ވާހަކަދައްކާފައެވެ. އެގޮތުން ފުލުހުން ޒަކިއްޔާގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ، މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved