ހޮޅުދޫގައި ބޭއްވި އެއްވުމުގެ ތެރެއިން / ތޭރަގްރެފިކްސް
ހަބަރު
ވަޒީރު އިހުސާން ދަނީ ދޮގު ހަދަމުން ކަމަށް ބުނެ އިސްތިއުފާ ދެއްވުމަށް ހޮޅުދޫގެ ރައްޔިތުން ގޮވާލައިފި
11 އޭޕްރީލު 2025
މާލެ ސިޓީ

ދާޚިލީ ވަޒީރު އަލީ އިހުސާން ދަނީ ދޮގު ހަދަމުން ކަމަށްބުނެ އެމަނިކުފާނުގެ އިސްތިއުފާއަށް ހޮޅުދޫގެ ރައްޔިތުން ގޮވާލައިފިއެވެ.

ވަޒީރު އިހުސާންގެ އިސްތިއުފާއަށް ހޮޅުދޫ ރައްޔިތުން ގޮވާލާފައިވަނީ ހުކުރު ދުވަހުގެ ހަވީރު އެ ރަށުގައި ބޭއްވި އިހުތިޖާޖެއްގެ ތެރެއިންނެވެ. އެގޮތުން އެ ރަށު މާރަނގަ، ޒަކިއްޔާ މޫސާ މަނިކު ނިޔާވި ހާދިސާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެންމެ ފުރަތަމަ ދުވަހު ދުވަހުން ފެށިގެން ހޮޅުދޫގެ ރައްޔިތުން ބުނަމުންދާއިރުވެސް އެއިން ފުލުހަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި މިހާތަނަށް ނުވާތީ ހޮޅުދޫގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޒަކިއްޔާގެ މަރުގެ ޙާދިސާގައި އަމަލުކުރި ގޮތުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ވަޒީރު އިހުސާނު ވެސް ވަނީ މީގެ ކުރިން ޕަބްލިކުގައި އިއުތިރާފުވެފައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ހިނގި ޣައްރި ޒިންމާދާރު ކަމެއްގެ ސަބަބެއް މީހެއްގެ މަރުގެ ހެކި ނެތިގެން ދިއުމަކީ ކުޑަކަމެއް ނޫން ކަމަށާ އެހެންކަމުން ފުލުހުންގެ ފަރާތުން އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާ ވަޒީރުވެސް އަދި ފުލުހުންގެ އިސްވެރިންވެސް އިސްތިއުފާ ދޭން ހޮޅުދޫގެ ރައްޔިތުން ވަނީ ހުކުރު ދުވަހު އެ ރަށުގައި ބޭއްވި އިހުތިޖާޖުގައި ގޮވާލާފައެވެ.

ޒަކިއްޔާގެ މަރަކީ އާދައިގެ މަރެއް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުވެސް މީގެ ކުރިން އެރަށު ރައްޔިތުންނާ ބައްދަލުކޮށް ވިދާޅުވެފައިވީ ނަމަވެސް ދާދި ފަހުން ފުލުހުންނާ ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ ހަށިގަނޑުގެ ވާރޗުއަލް ޕޯސްމޯޓަމެއް ދިވެހި ފުލުހުންގެ ޓީމަކުން އިންޑިއާ ގޮސް ހަދާފައިވާ ކަމަށާ އެ ޕޯސްޓު މޯޓަމުން ވެސް ދައްކަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ބުނެފައިވެއެވެ.

ޒަކިއްޔާގެ އާއިލާގެ ފަރާތުން ވަނީ މިކަމާ ގުޅިގެން ހަދާފައިވާ ތަހުލީލުތަކުގެ ރިޕޯޓާ ތަހުލީލުތައް ހެދި ޑޮކްޓަރުންގެ ތަފްސީލާ އަދި ތަހުލިޅު ކުރި ސެންޓަރުތަކުގެ ތަފްސީލުވެސް ހޯދުމަށް އެދިފައެވެ. އަދި ޒަކިއްޔާގެ ހަށިގަނޑު އަލުން ނަގާ ޕޯސްޓު މޯޓަމުން ހެދުމަށް މަޝްވަރާކުރަން އާއިލާއިން ބޭނުންވާކަން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ޒަކިއްޔާގެ އާއިލާއިން ވަނި މި މަރުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ހުރުމުން މި ތަހުގީގުން ފުލުހުން އެއް ފަރާތްވެ މުޅި ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަނަށް ހަވާލު ކުރުމަށްވެސް އެދިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved