

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މުސާ މަނިކުގެ މަރުގެ މައްސަލައިގައި ފުލުހުންނާ އަދި ވަޒީރުވެސް ގެންދަވަނީ އިންސާފަށް ވާސިލުވިޔަ ނުދޭން ހުރަސް އަޅަމުން ކަމަށް ހޮޅުދޫ ރައްޔިތުން ތުހުމަތުކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގައި ނިޔާވެފައި އޮއްވާ ފެނުނު ހޮޅުދޫ، މާރަނގަ ޒަކިއްޔާގެ މަރުގައި ޝައްކުތަކެއް ހުރިކަމަށް އެ ރަށު ރައްޔިތުން ގެންދަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބުނަމުންނެވެ. އެގޮތުން ޒަކިއްޔާގެ ކަރަށް ލިބިފައިވާ ހުރި ޒަޚަމްތަކަކީ އަމިއްލައަށް މީހާކަށް ދެވިދާނެ ގެއްލުމެއް ނޫން ކަމަށް ހޮޅުދޫގެ ރައްޔިތުން ހާމަކުރަމުން ދެއެވެ.
އެގޮތުން ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން ތޫނު އެއްޗަކުން އޭނާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށާ އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައި ހުރި ކަމަށް ފުލުހުން ހާމަކުރިއިރު އެ ޒަޚަމުތައް ހަމަ ލޮލުން ފެނުނު މީހުން "ތޭރަ އޮންލައިން"އަށް ކުރިން ކިޔައިދީފައިވާ ގޮތުގައި އެއީ އަކީ ވަޅިއަކުން ވެސް ދީފައިވާ ހަމަލާތަކެއް ނޫން ކަމަށެވެ. އަދި އެ ޒަޚަމުތައް އަމިއްލައަށް ދިން ކަމަށް ފުލުހުން ބުނާއިރު ޒަކިއްޔާގެ އަތުގައިވެސް ލޭގެ ނިޝާނެއް އަދި ނިޔަރޮންޖެއްގައިވެސް ލޭގެ ނިޝާނެއް ނެތް ނެތުން އެމީހުން ފާހަގަކުރެއެވެ.
މިފަދަ ކަންކަމާ އަދި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ތަނުގައި ވެސް ހުރި ނިޝާންތަކަށް ބަލާއިރު އެއީ އަމިއްލައަށް މަރުވި މަރުވުމެއް ކަމަށް އެ ރަށު ރައްޔިތުންނަށް ގަބޫލުނުކުރެވޭތީ އެކަން ފުރިހަމައަށް ތަހުގީގުކޮށް އެކަން ކުރި މީހަކު ހޯދާ ހައްގު އަދަބު ދިނުމަށް އެ ރަށު ރައްޔިތުން ގޮވާލަމުން ދެއެވެ.
ޒަކިއްޔާގެ މަރަށް 200 އެތައް ދުވަހެއް ވެފައިވާއިރު އަދިވެސް ތަހުގީގު ވަކި ކޮޅެއްގައި ނުޖެހެއެވެ. ނަމަވެސް ޒަކިއްޔާގެ މަރުގެ ހާދިސާގައި ހެކި ރައްކާތެރި ކުރުމާ ސީން ރައްކާތެރި ކުރުމުގައި އަދި ޒަކިއްޔާގެ ހަށިގަނޑާ މެދު އަމަލުކުރި ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ފުލުހުްނގެ ވަޒީރުވެސް ގަބޫލުކުރާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ އޮތުން އެއީ ހޮޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އަދި ވަކި ބަޔަކު ބުނާ ބުން ފުލުހުން ގަބޫލުކޮށް ވަކި ބަޔަކު ބުނާ ބުނުން ފުލުހުން ގަބޫލުނުކުރުމަކީވެސް މި މައްސަލައިގައި ފުލުހުން ވަކި ކޮޅަކަށް ޖެހިފައިވާވުމުގެ ހެއްކެއް ކަމަށް އެ ރަށު ރައްޔިތުން ހާމަކުރެއެވެ.
އެ ރަށުން ތޭރަ އޮންލައިނާ ވާހަކަ ދެއްކި ޒުވާނަކު ހާމަކުރި ގޮތުގައި މި މައްސަލައިގައި ފުލުހުންނާ ފުލުހުންގެ ވެރިންވެސް އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ފެންނަނީ ޒަކިއްޔާގެ މަރުގައި އިންސާފަށް ވާސިލުވިޔަ ނުދިނުމަށް އެތައް މަސައްކަތެއް ކުރަމުންދާ މަންޒަރު ކަމަށެވެ.
ޒަކިއްޔާތަގެ ކޭސްގައި ހެކިތައް ފުލުހުން ހާމަކުރާއިރު އެ ހެކިތަކަށް ބިނާވެގެން ފުލުހުން ދައްކާވާހަކަތައް ހޭ ނުޖެހޭ. އެ ދުވަހުގެ ސީންއިން ފެށިގެން މިއަދާ ހަމައަށް ވެސް ފުލުހުންގެ ފަރާތުންވެސް ހޯމް މިނިސްޓަރުގެ ފަރާތުންވެސް މަސައްކަތްކުރެވެމުން ދަނީ އިންސާފަށް ވާސިލުވިޔަ ނުދޭން ކުރެވޭ މަސައްކަތްތައް. އިންސާފު އަޅުގަޑުމެން ލޯ ކުރިމަތީ ފެންނަން އޮތްއިރުވެސް މިއާ ޚިލާފަށް އެކި ބަހަނާ މި ދައްކަނީ. އެންމެ ފަހުން މި ދެއްކީ ވާޗުއަލް އޮޓޮޕްސީއެއްގެ ވާހަކަ. އަދި އާއިލާއިން އެދިގެން ކުރިކަމެއް ކަމަށް ބުނާއިރު އެއީ އާއިލާއިން އެދިގެން ކުރިކަމެއް ނޫންކަން އާއިލާއިން ޔަގީންކޮށްދޭ.
ޒުވާނާ ބުނި ގޮތުގައި ފުލުހުން އަމަލުކުރަމުންދާ ދޯހަޅި ސިޔާސަތުގެ ސަބަބުން އެމީހުންގެ އިތުބާރު މިހާރު ފުލުހުންގެ މައްޗަށް ގެއްލިފައިވާ ކަމަށެވެ. މުހައްމަދު ހާމަކުރި ގޮތުގައި ވަރަށް ފަސޭހައިން ތަހުގީގުކޮށް ނިންމެން އޮތް މައްސަލައެއް ލަސްވެގެން ދަނީ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަގީގަތުގެ މައްޗަށް ފުލުހުން ފަސް އަޅާ ފޮރުވަން މަސައްކަތްކުރާތީ ކަމަށެވެ.
ފުލުހުންގެ ފަރާތުން ޒަކިއްޔާގެ މަރުގައި އިހުމާލުތަކެއް ވެފައިވާ ކަމަށް ވަޒީރު ވަނީ އިއުތިރާފުވެފައެވެ. އަދި ފުލުހުންގެ ކޮމިޝަނަރ ވަނީ އެއީ އާދަޔާ ޚިލާފު މަރެއްކަމަށް ހާމަކޮށްފައެވެ.