ފިނޭންސް މިނިސްޓްރީ / ސަން
ހަބަރު
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމަށް ދައުލަތުން ކުރި ހަރަދު ދަށަށް
Hussain Nawaf
ހުސައިން ނަވާފް
16 އޭޕްރީލު 2025
މާލެ ސިޓީ

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުން ކުރި ހަރަދު ދަށްވެއްޖެ އެވެ.

މިކަން ހާމަވެފައިވަނީ ހަފްތާއެަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީއިން ނެރޭ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.

އެ ރިޕޯޓަށް ބަލާއިރު 10 އޭޕްރީލްގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ބޮޑުތަނުން ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެގޮތުން10 އޭޕްރީލްގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭހެން ނެރުނު އެ ރިޕޯޓުގައި ވާ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގެ ނިޔަލަށް ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 2،518.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 736.8 މިލިއަން ރުފިޔާ އެވެ.

މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދު ވެސް ދަށްވި ނަމަވެސް 10 އޭޕްރީލްގެ ނިޔަލަށް މުސާރަ ހަރަދު ވަނީ 268 މިލިއަން ރުފިޔާއިން އިތުރުވެފައެވެ. މުސާރަ ހޭދައިގެ ތެރޭގައި މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ރިޓަޔަމަންޓު ބެނެފިޓުތައް ހިމެނެ އެވެ.

މި އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅައިބަލާއިރު 10 އޭޕްރީލްގެ ނިޔަލަށް މުސާރައަށް ކުރާ ހޭދަ މިވަނީ 8.1 އިންސައްތައިން އިތުރުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved