

ނ. ހޮޅުދުގައި ބޮޑެތި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު އެރަށު މާރަނގަ، ޒަކިއްޔާ މޫސާ މަނިކުގެ މަރުގެ މައްސަލައިގައި އޭނާގެ ހަށިގަނޑުގެ ވާރޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އެ އޮޓޮޕްސީ ކަމަށް ބުނާ ރިޕޯޓު އާއިލާއިން ގަބޫލުނުކުރާ ކަމަށް ހާމަކޮށްފިއެވެ.
ޒަކިއްޔާގެ އާއިލާގެ ފަރާތުން އޭނާގެ ކޮއްކޮ އައިމިނަތު ޝަޒިއްޔާ ސޮއިކޮށް ނެރުނު ބަޔާނެއްގައި ވަނީ އާއިލާގެ މެމްބަރުން ހިމެނޭ ގޮތުން މަރުގެ މައްސަލާގައި އިންސާފު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވާޗުއަލް އޮޓޮޕްސީގެ މައުލޫމާތު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީއަަށް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ޖަވާބެއް ނުދީ އަންގާރަ ދުވަހު ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބައްދަލުވުމަކަށް އަންގާ ބައްދަލުވުމެއް ބޭއްވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ބައްދަލުވުމުގައި ޒަކިއްޔާގެ ހަށިގަނޑުގެ ހަތަރު ފޮޓޯއެއް ކަމަށް ބުނާ ފޮޓޯތަކެއް ހިމަނާފައިވާ ކަމަށްބުނާ ރިޕޯޓު ދުރުދުރުން ބަލާލަން އާއިލާއަށް ފުރުސަތު ދިން ކަމަށެވެ.
ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު އެ މައްސަލައިގެ ރިޕޯޓުކަމަށް ބުނާ ރިޕޯޓު ދުރުދުރުން ބަލާލަން އާއިލާއަށް ލިބުނުއިރު ރިޕޯޓު އޮތީ އިނގިރޭސި ބަހުން ނަމަވެސް ފުލުހުން އެ ކިޔައިދިނީ ދިވެހި ބަހުން ކަމަށާ އެއީ އޭގެ ތަރުޖަމާ ކަމަށް ފުލުހުން ހާމަކުރި ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ރިޕޯޓުގެ ސުރުޚީގެ ގޮތުގައި އޮތީ "ވާޗުއަލް އޮޓޮޕްސީ ރިޕޯޓް ބަޔާން" މިހެން އޮތުމުގެ ބަދަލުގައި "އެކްސްޕާޓު އޮޕީނިއަން" މިހެން ކަމަށްވެފައި އޭގެ މާނައަކީ އެއީ އަރުވާފައިވާ ލަފައެއްކަން އެނގޭތީ އާ އަދި އެ ރިޕޯޓުގައި ސޮއިކުރި ބައެއް ވެސް ސާފުކޮށް ދިވެހި ފުލުހުންނަށް ދެވިފައިނުވާތީ އެ ރިޕޯޓާ މެދު އާއިލާއަށް ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވަނީ ބަޔާނުގައި ހާމަކޮށްފައެވެ.
އެގޮތުން އެ ރިޕޯޓުގައި ހިމެނޭ ހަތަރު ގަނޑު ފޮޓޯއަކީ ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށްވެފައި، މަރުހޫމާގެ މުޅި ހަށިގަނޑުގެ 3ޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތްއިރު އަދި އެ ޑޮކިއުމެންޓުގައި އޮތީ އާންމު އުސޫލުން ރިޕޯޓެއް އޮންނަ ފޯމެެޓަށް ކަމަށް ނުވާއިރު، އަދި އޭގައި ސުވާލާއި ޖަވާބުތަކެއް ހުރުމުން ބޮޑަށް ގަބޫލު ކުރެވެނީ އެއީ ރިޕޯޓެއް ނޫން ކަމަށް އާއިލާއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ މައުލޫމާތުން އެނގޭ ގޮތުގައި އެ ލިޔުން ނުވަތަ ރިޕޯޓު ތައްޔާރުކުރީ ޑިޕްލޮމެޓިކް ޗެނަލުން ކަމަށްވާއިރު، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދިފާއު ފުލުހުން ނަގާތީ، ތަހުގީގަށް ނުވަތަ ޝަރީއަތަށް ވަކި ކަމެއް ނިންމުމަށް އެ ލިޔުމަށް ރިޔާޔަތް ނުކުރެވޭނެ ކަމަށްވާއިރު އެ ލިޔުން ހުރި ރަޔުޔުއަކީ ގާނޫނީ ގޮތުން ބޭނުން ކުރެވޭފަދަ ރައުޔެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ޒަކިއްޔާގެ އާއިލާގެ ބަޔާނުގައި ވެއެވެ.
ރިޕޯޓުގައި ހިމެނޭ ކަމަށް ފުލުހުން ދެއްކި ވާހަކަތަކާ ގުޅިގެން އާއިލާގެ ފަރާތުން ކުރި ބައެއް ސުވާލުތަކަށް
ދިން ޖަވާބުން އެ ޑޮކިއުމަންޓުން ޒަކިއްޔާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައި ވަނީ ކޮޅަށް ހުރެގެން ކަމެއް، އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެގެންކަން ސާފު ނުވާ ކަމަށް އެނގޭ ކަމުގައެވެ. އަދި ލިބިފައިވާ ޒަހަމްތަކުގެ ފުންމިން ފަދަ މުހިންމު މައުލޫމާތުތައް ރިޕޯޓުން އެނގެން ނެތް ކަމުގައި އާއިލާއިން ފާހަގަކުރެއެވެ.
އާއިލާއިން ބުނި ގޮތުގައި އެ ސަބަބުތަކާ ހުރެ އާއިލާގެ ފަރާތުން އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމުގަ އެވެ. އޭގެ ބަދަލުގައި އެއީ ސައްހަ ރިޕޯޓެއް ނަމަ އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް ފަންނީ ބޭފުޅުންނާ އެކު ފުރުސަތު ދޭން ނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމުގައެވެ.
އެގޮތުން ވެސް މައުލޫމާތު ނުލިބިއްޖެ ނަމަ، ކުރިއަށް ހުރި މަރުހަލާތަކުގައި ޝަރުއީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާ ގުޅޭ އަމުރަކަށް އެދުމަށް އާއިލާއިން ގަސްތުކުރާ ކަމުގައެވެ.
ބަޔާނުގައި އިތުރަށް ބުނީ ޒަކިއްޔާގެ ނަފްސާނީ ބަލީގެ ބާވަތަކީ ކޮބައިކަން އެންމެ ކުޑަމިނުން ސާފުކޮށްދޭން ޖެހޭއިރު، ނަފްސާނީ ބަލީގެ ގޮތުގައި އޭނާ ޑައިގްނޯސް ކުރެވިފައިވާ ބައްޔެއް މިހާތަނަށް ތަހުގީގުން ސާފުކޮށްދީފައި ނުވާ ކަމަށެވެ.
ފުލުހުންގެ ބައްދަލުވުމުގައި މި މައްސަލައިގެ ތަހުގީގު ނިންމާލުމަށް ނުވަތަ އަމިއްލަ މަރެއް ކަމަށް ބަޔާންކޮށް
ތަހްގީގު ނިންމާލުމަށް މިވަގުތަށް މަޑުޖައްސައިދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާނެ ކަމަށް އާއިލާގެ ފަރާރުން ނެރުނު ބަޔާނުގައިވެއެވެ. އަދި އެގޮތަށް އެދިފައި ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކުން މައްސަލަ ބަލުންދާތީ އެފަދަ ނިންމުމެއް ނިންމުން އިންސާފުވެރި ގޮތަކަށް ނުވާނެތީ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
އޭގެ އިތުރުން އެންމެ ކުޑަމިނުން އަމިއްލައަށް މަރުވި ކަމަށް ބެލި ނަމަވެސް އަމިއްލައަށް މަރުވާން ޖެހޭ ސަބަބެއް ދެނެގަތުމަކީ ތަހްގީގުގައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އާއިލާއިން ދެކޭތީ ކަމުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޒަކިއްޔާގެ މަރުގައި އާއިލާއަށާ ރަށު ރައްޔިތުންނަށްވެސް ޝައްކުވާ އެތައް ކަމެއް ހުރިއިރު އެ މަރުގެ ހަގީގަތް ހޯދުމަށް ކެނޑިނޭޅި ރައްޔިތުން ދަނީ ގޮވާލަމުންނެވެ. އަދި ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސިއެއް ނުހަދާ ވަޅުލީ ގޯހަކުން ކަމަށް ހޯމް މިނިސްޓަރު އިހުސާނުވެސް ކުރިން ހާމަކޮށްފައިވެއެވެ.