

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާ މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތުގައި އަހުމަދު ކުރިކު ރިޒާގެ މައްޗަށް އުފުލާފައި ހުރި ދައުވާތއް އަނބުރާ ގެންގޮސް ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފައިވާއިރު ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަނބުރާ ނުގެންދިޔަ ސަބަބާ މެދު އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަވައިފިއެވެ.
އަހުމަދު ކުރި ރިޒާގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އަނބުރާ ގެންދިޔައީ، ރިޒާގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޯޑިއާއެއް ދައުލަތުގެ އިރޝާދާ އެއްގޮތަށް ފުލުހުން ތަހުލީލު ނުކުރާތީ މައްސަލަ ދިގުލައިގެން ގޮސްފައިވަނިކޮށް މައްސަލަ ރިވިއުކުރަން ރިޒާގެ ފަރާތުން ހުށަހެޅުމުން މައްސަލަ ދިގުލައިގެން ގޮސްފައިވާވުން އެއީ ދައުލަތުގެ ފަރާތުން ކޯޓަށް "ޖަސްޓިފައި" ކޮށްދެވޭނެ ކަމަކަށް ނުވާތީކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުގެ މި ވާހަކައަށް އިޝާރާތްކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ އެމަނިކުފާނުގެ ޙަޔާތުގައި އާ ފިލާވަޅުތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް މިދިޔަ 5 އަހަރު ކުރެވުނު ބޭއިންސާފު ދަޢުވާތަކަށްފަހު، މިއަދު ރައީސް މުހައްމަދު މުއިއްޒުގެ ވަޢުދުތަކާއި ޚިލާފަށް މިދަޢުވާތައް ކުރިއަށް ގެންދާނެކަމަށް އެމަނިކުފާނު ހީނުކުރާ ކަމަށް ވިދާޅުވެފައިވެއެވެ.
މިސަރުކާރުގެ ޕީޖީ ރިވިއުއަށް ހުޅުވާލި ފުރުސަތުގައި، މިމައްސަލާގައި ހިމެނޭ އެއްފަރާތުގެ މައްސަލަ އަނބުރާ ގެންދިޔައީ އަން ޑިއު ޑިލޭއެއް އުފަންވާތީ ކަމަށް މިއަދުގެ ޝަރީޢަތުގައި ދައުލަތުން ވިދާޅުވިއިރު، ރައީސް ޔާމީނުގެ މައްސަލައަށް ނުވާ ލަހެއް އެހެންފަރާތަކަށް ވިތޯ އައްސަވާ ޑރ ޖަމީލު މުހިއްމު ސުވާލެއް އުފައްދަވާފައިވެއެވެ.
މިއަދަކީވެސް ޙަޔާތުގައި އާ ފިލާވަޅުތަކެއް ލިބިގެންދިޔަ ދުވަހެއް. ހިއެއް ނުކުރަން، ރ. ޔާމީނުގެ މައްޗަށް މިދިޔަ 5 އަހަރު ކުރެވުނު ބޭއިންސާފު ދަޢުވާތަކަށްފަހު، މިއަދު @MMuizzu ގެވޢުދުތަކާއި ޚިލާފަށް މިދަޢުވާތައް ކުރިއަށް ގެންދާނެކަމަށް. މިސަރުކާރުގެ ޕީޖީ ރިވިއުއަށް ހުޅުވާލި… pic.twitter.com/yS1ZgjADh3
— Mohamed Jameel Ahmed (@MJameelAhmed) April 28, 2025
އެހެންކަމުން އެކަމުން ވެސް އެނގިގެން ދިޔައީ ޕްރޮސިކިއުޝަނުގެ ތަޢައްސަބު ރައީސް ޔާމީނާ މެދު އޮތް މިންވަރު ކަމާ މިއީ އިންސާފު ގާއިމް ކުރުމުގެ ނަމުގައި އެކި ސަރުކާރުތަކުން ހިންގަމުންދާ އަނިޔާ އެއްކަން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރައީސް ޔާމީނުގެ ސިޔާސީ މަސައްކަތަށް ބިރުން ބަޔަކު ޝަރުޢީ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ އިންކާރު ނުކުރެވޭ ފަދަ މިސާލެެއްކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.