

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ޒަކިއްޔާ މޫސާއަށް އިންސާފު ހޯދައި ދިނުމަށް އެދި އިހުތިޖާޖު ކުރަމުންދާތީ އެ އިހުތިޖާޖު ހުއްޓާލަން އަންގާ، ޒަކިއްޔާގެ ދޮށީ ދަރި މޫސާ ރިމްޒީ އެ ރަށުގެ ދެ މީހަކަށް މަރުގެ އިންޒާރު ދީފިއެވެ.
ޒަކިއްޔާ ގޮތް ނޭނގޭ މަރަކުން މަރުވެފައި އޮއްވާ ފެނިފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ހަތް މަސް ފާއިރުވެގެން ދާއިރު އަދިވެސް އެ މަރުގެ ހަގީގަތް ހާމަވެފައިނުވެއެވެ. ޒަކިއްޔާއަށް ބޮޑެތި ޒަޚަމްތަކެއް ތޫނު އެއްޗަކުން ލިބިފައިވާއިރު އޭނާ އެ ރަށު ސިއްހީ މަރުކަޒަސް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ. ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ދިވެހި ފުލުހުން ހާމަކޮށް އެކަން ރަށު ރައްޔިތުންނަށާ އަދި އާއިލާއަށް ވެސް ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް ޒަކިއްޔާގެ ހަށިގަނޑު ފެނުނު މީހުންވެސް އަދި ރަށުގެ ގިނަ ރައްޔިތުންވެސް ގަބޫލު ކުރާ ގޮތުގައި ޒަކިއްޔާ މަރުވެފައިވަނީ އޭނާއަށް މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމެވެ. އަދި އެ މައްސަލައިގައި ހެކި ގެއްލިފައިވަނީ ފުލުހުންގެ އިހުމާލުން ކަމަށް ވެސް ރައްޔިތުން ދަނީ ބުނަމުންނެވެ.
އެހެންކަމުން ޒަކިއްޔާއަށް އިންސާފު ހޯދަން ރަށުގެ ރައްޔިތުން އިސްވެ ނުކުމެ އިހުތިޖާޖު ކުރާތާ 7 މަސް ފާއިރުވެފައިވާއިރު މީގެ ކުރިންވެސް އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުންނަށް ޒަކިއްޔާގެ ދޮށީ ދަރިފުޅު ރިމްޒީ ވަނީ ފޯނުން ގުޅާ އެކި ކަހަލަ އިންޒާރުދީފައެވެ. އެގޮތުން އިހުތިޖާޖު ހުއްޓާނުލައިފި ނަމަ އެ މީހުން މަރާލާނެ ކަމަށް ބުނެ ވެސް އިންޒާރު ދީފައިވެއެވެ. ނަމަވެސް އޭރު ރައްޔިތުން ދޫނުދިނުމުން ރިމްޒީ އެކަން ހުއްޓާލުމަށް ފަހު އަނެއްކާވެސް އިހުތިޖާޖުގެ ބައިވެރިންނަށް ގުޅާ ދަނީ މަރުގެ އިންޒާރު ދެމުންނެވެ. އެގޮތުން އިއްޔެ އާ ހަމައަށް ދެ މީހަކަށް ރިމްޒީގެ ފަރާތުން މަރުގެ އިންޒާރު ދީފައިވެއެވެ.
ރިމްޒީ މީގެ ކުރިންވެސް ޒަކިއްޔާގެ މަރާ ގުޅިގެން މީހަކާ މެދު މާރާމާރީ ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ރިމްޒީއަކީ ވެސް ޒަކިއްޔާގެ މަރުގައި ބައިވެރިވާ މީހެއްގެ ގޮތުގައި އެ ރަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ. އަދި ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދުއާ ދަނބިދަރި ވެސް އެކަމުގައި ބައިވެރިވާ ކަމަށާ އެތައް ކަމެއް ސިއްރުކުރާ ކަމުގެ ތުހުމަތު ރަށުގެ ރައްޔިތުން ކުރެއެވެ.