އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް މުނައްވަރު އައްޔަންކޮށް އޭނާއަށް މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒު އަރުވައްވަނީ / ރައީސް އޮފިސް
ހަބަރު
މިމަހު މުސާރަ ދިނުމުގައި ދަތިކަމެއް ހުރި ކަމަށް އަޑު ފެތުރިފައި ވަނިކޮށް ފަވަރައިގެ ހިދުމަތެއް މެދުކެނޑިއްޖެ ކަމަށް ސަރުކާރުން ބުނެފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 މޭ 2025
މާލެ ސިޓީ

މުސާރަ ތައްޔާރުކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ހެދި މި މަހު ރަށްރަށު އިމާމުންގެ މުސާރަ ލިބުން ލަސްވާނެ ކަމަށާއި މައްސަަލަ ހައްލުކޮށް މުސާރަ ދެވޭނެ ދުވަހެއް އަދި ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް ސަރުކާރުން ހާމަކޮށްފައިވަނިކޮށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގައުމީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރައިގެ ހުރިހާ ހިދުމަތެއް މިއަދު މެދުކެނޑިއްޖެ ކަމަށް އެތަނުން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ފަވަރައިގެ ހިދުމަތްތައް މެދުކެނޑެން ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ޓްރާންސްފާ ކުރެވޭ ގޮތް ފަހިކޮށްދިން ފަވަރައަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ފަށަން ނަގާނެ ވަގުތެއް ހާމަކޮށްފައެއް ނުވެ އެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކުރެވޭ ކަންކަމުގެ ތެރޭގައި އިންސްޓަންޓް ޕޭމަންޓްސް، ރިކުއެސްޓް ޓު ޕޭ، ސްމާޓް އެޑްރެސިން އަދި އެކައުންޓް ވެރިފިކޭޝަން ހިމެނެ އެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަތައް ޖަމާ ކުރުމުގެ މަސައްކަތް ވެސް ކުރަނީ ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ނެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ޑައުންވި ކަމަށް ސަރުކާރުން އިއުލާން ކުރުމުން ބައެއް މީހުން ބުނަމުން އަންނަނީ މި މަހު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުން ޑިލޭވާނެ ތީ އެކަން އެދިމާވީ ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ކަމަށް ދައްކަން ސަރުކާރުން މަސއްކަތް ކުރާކަމަށެވެ.

ނަމަވެސް ސަރުކާރުން މުސާރަ ދިނުމަށް ފައިސާ ނެތިގެން ސަރުކާރުން އިއްޔެ ވަނީ 2.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފަ އެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 730 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 100 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 183 ދުވަހުން އަނބުރާ ދެއްކުމަށް 447 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 924 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަންވެސް ވަނީ އިއުލާނުކޮށްފަ އެވެ.



ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved