

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފައްދާ، ނ. ހޮޅުދޫގެ ރައްޔިތުންގެ ތުހުމަތުތަކެއް އަމާޒުކޮށްފިއެވެ.
ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ބޮޑެތި ޒަޚަމްތަކަކާ އެކު އަނިޔާވެރިކޮށް ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަކީ އަމިއްލަ މަރެއް ނޫން ކަމަށް އެ ރަށު ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި އެކަމުގައި ގާތިލުން ހޯދާ އިންސާފު ހޯދުމަށް އެ ރައްޔިތުން ދަނީ އަޑު އުފުލަމުންނެވެ. އެ އަޑުތަކާ އެކު ފުލުހުންގެ އިސްވެރިންވެސް އެ ރަށަށް ގޮސްފައިވެއެވެ. އަދި އެ މަރުގެ ކަންކަމުގައި ފުލުހުންގެ އިހުމާލު އޮތްކަން ހޯމު މިނިސްޓަރު ވެސް ވިދާޅުވެފައިވެއެވެ.
އެ ދަތުރުގައި މިހާރުގެ އެކްޓިން ސީޕީ ނަވީން ވެސް ބައިވެރިވެވަޑައިގެންނެވިއިރު ނަވީން ވަނީ ރަށުގައި ހުރެ ހޮޅުދޫގައި ތިބި، ގިނަ ރައްޔިތުން ޒަކިއްޔާގެ ގާތިލު ކަމަށް ތުހުމަތު ކުރާ އޭނާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރުގެ އާއިލާގެ މީހުންނާ ސިއްރިއްޔާތުގައި ބައްދަލުކޮށްފައިކަމަށް އޭރުވެސް އަޑުތައް ފެތުރުނެވެ. އަދި މިހާރު ނަވީން ގެންދަވަނީ މާލެއިން ވެސް ޒަކިއްޔާގެ ފިރިމީހާއާ ގުޅުން އޮންނަ އެކި މީހުންނާ ކެފޭ އަދި ރެސްޓޯރެންޓުތަކުން ބައްދަލުކުރާ ކަމަށް ރައްޔިތުން މިއަދު ހާމަކޮށްފައިވެއެވެ.
އެގޮތުން އެކްޓިން ސީޕީ ނަވީން ވަނީ މާލޭގެ ރެސްޓޯރެންޓެއް ކަމަށްވާ ސިމްފަނީ ރެސްޓޯރެންޓުގައި މުހައްމަދު ރަޝީދު (މޮންޑީގެ) އާއިލީ މީހުންނާ ބައްދަލުކޮށްފައި ކަމަށް ރައްޔިތުން ހާމަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ނަވީންގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ.
ޒަކއްޔާގެ މަރުގެ ހެކި ނެތިގެން ދިޔައީ ފުލުހުންގެ އިހުމާލުން ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާ އިރު އޭރު ހޮޅުދޫގައި ފުލުހުންގެ އިންޗާޖަކަށް ހުރި މީހާއާ ވެސް ޒަކިއްޔާގެ މަރަށް ފަހު ޒަކިއްޔާގެ ފިރިމީހާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކޮފީ މޭޒުތަކުން އެކުގައި ފެނުނު ކަމަށްވެސް އެ ރަށުގެ ރައްޔިތުން އޭރުވެސް ހާމަކުރަމުން ދިޔައެވެ.
ހޮޅުދޫގެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ނުލިބި ލަސްވަނީ ފުލުހުންގެ އިހުމާލުން ހެކި ގެއްލުމުން ކަމަށެވެ. އެހެންކަމުން އެކަމުގައި ޒިންމާ ނަގަން ޖެހޭ ފުލުހުންނާ މެދު ފިޔަވަޅު އެޅުމަށް އެ ރަށުގެ ރައްޔިތުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.