

ސަރުކާރުގެ ވައުދާއި ސަރުކާރުން ހިލާފުވެ، އިގުތިސާދީ ރިފޯމް އެޖެންޑާ ސަރުކާރުން ހުއްޓާލައިފި އެވެ.
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތާ ގުޅިގެން، ސަރުކާރުން އަމަލުކުރަމުންދާ އިސްލާހީ އެޖެންޑާއަށް ބޮޑު ބަދަލެއް ގެނެސް، ސަބްސިޑީ އާއި ޕެންޝަން ދިނުމުގެ އުސޫލު ބަދަލުކުރުމުގެ ވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއިރު ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ މި މަސައްކަތުގައި ރާއްޖެ ދެމިއޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިޕޯޓްތައް ނެރެފަ އެވެ.
ނަމަވެސް ރައީސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުން ޚަރަދު ސަލާމަތް ކުރަން ނިންމައިފައިވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން އަޅަން ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އޭގެ ތެރެއިން، އާސަންދައިން ވަރަށް ބޮޑު އިސްރާފެއް ވަމުން އައި އައުން ހުއްޓުވުމަށް ޓަކައި ފިޔަވަޅު އަޅައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދެން އަޅުގަނޑުމެން ކޮންމެވެސް ވަރެއް ޕްރައިވެޓް ސެކްޓާއަށް ޕްރޮޖެކްޓްސްތައް ދޫކޮށްލާނަން އަޅުގަނޑު ދެންނެވިން ކުރީގައި، ދޫކޮށްލިޔަސް މި ބެލެންސް އެބަ ގެނެވޭ،
މި އަހަރަށް ފާސްކުރި ބަޖެޓުގައި އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީއަށް ގެންނަން އޮތް ބަދަލަކީ، އެ އެހީ އެންމެނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި ސަބްސިޑީ ބޭނުންވާ މީހުންނަށް އެކަނި ދޭން ފެށުމެވެ. އަދި ދައުލަތުން ފޯރުކޮށްދޭ ޕެޝަންތައް ތަކުރާރު ނުވާނެހެން މުރާޖާ ކުރުން ވެސް އެއް ފިޔަވަޅުގެ ގޮތުގައި އޮތެވެ.
ޕެންޝަނަށް ގެންނަ އިސްލާހެއްގެ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމިއެވެ. އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، އެ އެލަވަންސް ދޭން ސަރުކާރުން އަލުން ނިންމި އެވެ.
ރާއްޖެ އިން އަމިއްލަ ރިފޯމު އެޖެންޑާއެއް އިއުލާނުކޮށް، އެ މަސައްކަތް ފަށަން ނިންމާފައިވާއިރު އެ ފިޔަވަޅުތައް އަޅައިގެން އިގްތިސާދު ހަމައަކަށް އަޅުވަން ފަސޭހަވާނެ ކަމަށް އައިއެމްއެފުން ގަބޫލުކުރެ އެވެ.
އެ އިދާރާއިން ބުނީ، އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަކޮށް، އިސްރާފުތައް ކުޑަކުރުމަށް ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެކަން ހާސިލު ކުރުމަށް ސަބްސިޑީ ޓާގެޓުކޮށް، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ޕްރޮޖެކްޓްތައް ކަނޑައަޅައިގެން ކުރިއަށް ގެންދަން އައިއެމްއެފުން ސަރުކާރަށް ގޮވާލި އެވެ. އަދި އާސަންދަ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ވެސް ފިޔަވަޅުތައް އެޅުމަށް އެ އިދާރާ އިން ލަފާދިނެވެ.
ނަމަވެސް ސަރުކާރުން މިހާރު މިވަނީ އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް)ގެ ލަފާ ގަބޫލުނުކުރަން ނިންމާފަ އެވެ. އަދި ސަރުކާރުގެ ވައުދާއި ސަރުކާރުން ހިލާފުވެ، އިގުތިސާދީ ރިފޯމް އެޖެންޑާ ސަރުކާރުން ހުއްޓާލާފަ އެވެ.