

އެޗްޑީސީގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓި ރައީސް ޑރ. މުއިއްޒުގެ އަރިސް ސިޔާސީ ރަހްމަތްތެރިޔާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ގިނަ ދުވަސްތަކަކަށް ފަހު، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ސަފުން " ހުދު ހެދުމެއްގައި" ފެނިލައިފި އެވެ.
ރޭ އޮތް އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން މަގާމުން އިސްތިއުފާ ދެއްވި ފަޒުލް ރަޝީދު އާއި މުއާޒް މުހައްމަދު ރަޝީދުގެ އިތުރުން ކުއްލިއަކަށް މަގާމުން ވަކިކުރި މުހައްމަދު ވަޖީހު އިބްރާހިމް އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ އަބްދުﷲ މުހައްމަދު ވަނީ ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެން ރައީސް މުއިއްޒުއަށް ބޯލަނބައި ކިޔަމަން ވާން އެއްބަސްވެވެ އިގުރާރުވެވަޑައިގެންފަ އެވެ.
އަމިއްލަ ބޭބެއަށް ހުޅުމާލެއިން އުސޫލުން ބޭރުން ގޯއްޗެއް ދިނުމާއި އަދިވެސް އެހެން ސީރިއަސް ތުހުމަތުތަކެއް އަމާޒުވެ، މަގާމުން ސަސްޕެންޑްކޮށްފައި ހުއްޓާ އަމިއްލައަށް އިސްތިއުފާ ދެއްވި ފަޒުލް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ތަން ބަލައި ފާސް ކުރީ މިދިޔަ 24 ޑިސެމްބަރުގަ އެވެ.
އެ އޮޕަރޭޝަންގައި ފުލުހުން ހޯދީ 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އެވެ. އެ ފައިސާ އަނބުރާ ފަޒުލްއާ ހަވާލުކުރިކަން ފުލުހުން ވަނީ މިފަހުން ކަށަވަރުކޮށްދީފަ އެވެ.
ގޯތި މައްސަލައިގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމާއި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ގޮތް ނިންމި ކަމަށް ވެސް ފަޒުލްއަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް ތިލަފުށިން ބިން ދިނުމާއި އޭނާގެ އަނބިކަނބަލުންނަށް ހާއްސަ އުސޫލަކުން ގޯއްޗެއް ވިއްކި މައްސަލައެއް ވެސް ހިމެނެ އެވެ.
ފަޒުލް އަކީ މިހާރުގެ ރައީސް ޑރ. މުއިއްޒުގެ "އަރިސް" ބޭފުޅެކެވެ. އެހެންވެ ފަޒުލް ރަޝީދަށް ފުލުހުން ކުރާ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު މިހާރު ވަނީ "އޮބި" ފައެވެ. އަދި އޭނާ އެހުރީ މިނިވަން ކަމާއިއެކު ފިނި ކޮޓަރި އެއްގައި އެވެ.
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ އެތައް ބަޔަކު ޕީއެންސީގެ އިސް ސަފަށް ނެރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ގިނަ ފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް މަނީ ލޯންޑްރިންގއާ ގުޅޭ ދަޢުވާއެއް ކުރެވިދާނެ ފަރާތްތަކެވެ. އެހެންނަމަވެސް މިހާލަތުގައިވެސް މި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ތަހުގީގު މުއައްސަސާއަކަށް ހާޒިރުވެސް ކޮށްފައެއް ނުވެއެވެ. އަދި ޕީޖީ އައްބާސް ޝަރީފުވެސް މި މައްސަލަތައް ތަޙުޤީޤުކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވަމުން ނުގެންދަވަ އެވެ.
މުއިއްޒުގެ ސަރުކާރަށް ފާޑުކިޔަމުންދާ ބައެއް މީހުން ބުނަމުން ދަނީ މުއިއްޒު ރައީސް ކަން ކުރައްވާ ޕީއެންސީގެ އެ އަމަލުން ސާފު ވަނީ ރައީސް މުހައްމަދު މުއިއްޒު ކޮރަޕްޝަންގެ އަމަލުތަކަށް ހިތްވަރު ދެއްވާކަން ކަމަށެވެ.