ކްރިމިނަލް ކޯޓް / ސޯޝަލް މީޑިއާ
ހަބަރު
ކުރީގެ ޕީޖީ ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
24 މޭ 2025
މާލެ ސިޓީ

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިގޮތަށް ނިންމަވައިފައި ވަނީ އެބޭފުޅާއަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުންނެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު މަގުމަތިން ބަޔަކު ވަނީ އެބޭފުޅާއަށް މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްފައެވެ. އެ ހަމަލާގައި އޭނާގެ މާބޮޑު އަނިޔާއެއް ނުލިބުނު ކަމުގައި ވީނަމަވެސް ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެ އެވެ.

ދަޢުލަތުން މި މައްސަލައިގައި ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. އެއީ، ރ. އަލިފުށި ރިވެލި މިދުހަތު އާދަމާއި، ލ. ގަން ތުނޑި ޖަވާހިރުވިލާ މުހައްމަދު ޖަޒްލާނާއި، ދަފްތަރު ނަންބަރު 2247 އަހުމަދު މައިސާން ހާޝިމާއި، ލ. މާމެންދޫ މުރިނގު ރަޖުވާން ލަތީފާއި، ތ. ގާދިއްފުށި މުސްތަރީގެ ޝަމާލް ހުސައިންގެ އިތުރުން ތ. ދިޔަމިގިލި ރުވާ އަބާން އަބްދުލްހަންނާނާއި، އދ. މާމިގިލި ކެމީހިޔާ ޒަޔާން ނަސީރުއެވެ

މި ހަތް މީހުންގެ މައްޗަށް ކޮށް ފައިވާ ދައުވާއަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުުމުގެ ދައުވާއެވެ. އެހެން ނަމަވެސް އެމީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެންމެންވެސް މިހާރު ވަނީ މިނިވަންވެފައެވެ.

މި މައްސަލައިގެ އިސްތިއުނާފު މުއްދަތު އަންނަ ހޯމަދުވަހަށް ހަމަވާއިރު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނީ މިމައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ކުރިން އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.
މި މައްސަލާގައި ކުށް ސާބިތުކުރުމަށް މައިގަނޑު ގޮތެއްގައި އޮތް ހެއްކަކީ ސީސީޓީވީ ފުޓޭޖުތައް ކަމަށްވާއިރު ސީސީޓީވީގެ ފުޓޭޖުތަކުން ފެންނަ ގަޑިއާއި ހާދިސާ ހިނގި ވަގުތު ކަމަށް ބުނާ ވަގުތާ ދިމާނުވާ ކަމުގައި ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް އިހުސާން ކުރެއްވި ހުކުމުގައި ބުނެފައިވެ އެވެ.

މައްސަލަ ސާބިތު ނުވާކަމަށް ކަނޑައެޅި ޤަޟިއްޔާގެ ޙުކުމްގައި ބުނެފައިވަނީ، މިޙާލަތުގައި ޝަރީއަތަށް ހެކި ބަލައިގަތް ނަމަވެސް ކުށް ސާބިތު ކުރުމުގައި ހެއްކަށް ބުރަދަން ދެވޭނެ މިންވަރު ދަށްވާނެ ކަމުގައެވެ.

މިބާވަތުގެ މައްސަލަތަކުގައި 30 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް މައްސަލަ ހުށައަޅަން ޖެހޭ ފަދަ މައްސަލަތަކެއް ކަމުގައި ގާނޫނުގައި ވަނީ ބަޔާން ކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved