

މިފަހުން އަމިއްލައަށް އިސްވެ އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާ ދީ ފެށި ހަނގުރާމައިން ހޯދި ކާމިޔާބީއަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރުން އެމެރިކާއާއި އެކު ވިޔަފާރީގެ މަޝްވަރާއަށް ދިއުމަށް ތައްޔާރު ވެއްޖެ އެވެ.
މިކަން އިއުލާން ކުރީ އެމެރިކާގެ ރައީސް ޑޮނަލްޓް ޑްރަމްޕް އެވެ.
އެއާފޯސް ވަން އިން ފައިބައިވަޑައިގަތުމަށްފަހު ޖޮއިންޓް ބޭސް އެންޑްރޫޒްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް އިއްޔެ ވިދާޅުވީ "އަންނަ ހަފުތާގައި ޕާކިސްތާނުގެ މަންދޫބުން އަންނާނެ" ކަމަށެވެ.
އެމެރިކާގެ ޓެރިފްގެ އަދަދުތަކުން ޕާކިސްތާނަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ޕާކިސްތާން ސަރުކާރުން އަންނަ ހަފްތާގައި އެމެރިކާއާއިއެކު މަޝްވަރާ ފަށާއިރު މި މަޝްވަރާގައި ޕާކިސްތާނުން ބައިވެރިވެވަޑައިގަންނަވާ ވަފުދެއް އަދި ސާފެއް ނުވެ އެވެ.
ޕާކިސްތާޏުގެ އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އިކޮނޮމިކްސް އިން ބުނީ އެމެރިކާގެ ޓެރިފްތަކުގެ ސަބަބުން އެގައުމުގެ އެކްސްޕޯޓް ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަހަރަކު 1.1 ބިލިއަން ޑޮލަރާއި 1.4 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެން ކަމުން މިއީ އެމެރިކާއާއި ވާހަކަ ދައްކަން އެންމެ މުނާސަބު ވަގުތު ކަމަށެވެ.
އިންޑިއާއިން އިސްވެ ޕާކިސްތާނަށް ހަމަލާދޭން ފެށިތާ 24 ގަނޑިއިރު ނުވަނީ ޕާކިސްތާނުން ވަނީ އިންޑިއާގެ 5 ޖެޓް ވައްޓާލާ ދުނިޔޭގެ ކުރިމަތީ ޕާކިސްތާނުގެ އަސްކަރީ ބާރު ދައްކާލާފައި އެވެ.
މި ހަނގުރާމައިން ހޯދި ކާމިޔާބީއަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ތުރުކީވިލާތައް ވެސް މިފަހުން ވަނީ ވަޑައިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާއި ބައްދަލު ކުރައްވައިފަ އެވެ.
ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.
އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިފަހުން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ ގައުމުން އާދެވުނުއިރު ޕާކިސްތާނުން އޮތީ ހަނގުރާމައިގައި ކުރި ހޯދާ މޮޅުވެފައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް މިފަހުން ވަނީ ވިދާޅުވެފައި އެވެ.
ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން މިފަހުން ވަނީ ޝަކުވާކޮށްފަ އެވެ.އަދި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިފަހަރު ހަމަލާ ބަދަލުކުރީ ކަޝްމީރުގައި ޓޫރިސްޓުންގެ ބަޔަކު މަރާލި ހާދިސާ އަކީ ޕާކިސްތާނުގެ ތާއީދާ އެކު ޓެރަރިސްޓުން ދިން ހަމަލާއެއް ކަމަށް ބުނެ އިންޑިއާއިން އިސްވެ ހަމަލާ ދިނުމުންނެވެ. ނަމަވެސް އިންޑިއާގެ ތުހުމަތު ޕާކިސްތާނުން ދޮގުކުރެ އެވެ.