ޕާކިސްތާނުގެ ޖޭއެފް-17 ތަންޑާ ބްލޮކްގެ މަތިންދާބޯޓު، މީ ފަހުގެ ޒަމާނީ އަސްކަރީ އާލާތް ހުރި އުޅަދެއް / ޕާކިސްތާން ޓުޑޭ
ދުނިޔެ
ޕާކިސްތާނުން އަޒަރުބައިޖާނަށް ޖޭއެފް-17 ތަންޑާ ބްލޮކްގެ 40 މަތިންދާބޯޓު ވިއްކައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖޫން 2025
މާލެ ސިޓީ

އަސްކަރީ ކެރިކުޅަދާނަކަން މިފަހުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ޕާކިސްތާނުން އަޒަރުބައިޖާނަށް ޖޭއެފް-17 ތަންޑާ ބްލޮކްގެ 40 މަތިންދާބޯޓު ވިއްކައިފި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޯށްފައިވާ ގޮތުގައި ޕާކިސްތާނުން އަޒަރުބައިޖާނަށް ވިއްކީ މިފަހުން އިންޑިއާއާއި ދެކޮޅަށް ޕާކިސްތާނުން ބޭނުންކުރި އަސްކަރީ ބޯޓު ކަމުގައިވާ ޖޭއެފް-17 ތަންޑާ ބްލޮކްގެ ބޯޓުތަކަކެވެ.

އިންޑިއާގެ ގައިރު ދުސްތޫރީ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުންވަނީ އެ ގައުމުގެ ވައިގެ ސިފައިންގެ ފައިޖުތަކާއި އަދި އެމީހުން ބޭނުންކުރުމަށް ޒަމާނީ ގިނަ އާލާތްތައް ހޯދައިފައި އެވެ.

ޕާކިސްތާނުން އަންނަނީ އެމީހުންގެ އަމިއްލަ ދިފާއުގައި އެތަކެތި ބޭނުންކޮށް އަދި ޕާކިސްތާނާއި އަސްކަރީ ގުޅުން ބަދަހި ގައުމުތަކުގެ ސަލާމަތަށް އެތަކިތި ބޭނުން ކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ނެވެ.

އިންޑިއާގައި އަދަދުގެ ގޮތުން ސިފައިންނާއި ހަތިޔާރު ގިނަ ނަމަވެސް ޕާކިސްތާނުގައި ސިފައިންގެ ތަމުރީނާއި ކޮލިޓީ މޮޅުވެފައި ހަތިޔާރުތައް މާ ޒަމާނީ ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާގައި އަދިވެސް ގިނައީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޒަމާނުގެ ބާ ޓެކްނޮލޮޖީގެ ހަތިޔާރެވެ. ނަމަވެސް، އިންޑިއާ ގެންދަނީ ބާ ހަތިޔާރު އާކުރަން ޚަރަދު ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. ޕާކިސްތާނުގައި ގިނައީ އެމެރިކާއާއި ޗައިނާގެ ފަހުގެ ޓެކްނޮލޮޖީގެ ޒަމާނީ ހަތިޔާރެވެ.

އަޒަރުބައިޖާން އަކީ އަބަދުވެސް ޕާކިސްތާނާއި ގުޅުން ރަގަނޅު އަދި އިންޑިއާގެ ހަރުކަށިކަމާއި ދެކޮޅަށް އަބަދުވެސް ބަސްބުނާ ގައުމެކެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިފަހުން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެ ގައުމުން އާދެވުނުއިރު ޕާކިސްތާނުން އޮތީ ހަނގުރާމައިގައި ކުރި ހޯދާ މޮޅުވެފައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް މިފަހުން ވަނީ ވިދާޅުވެފައި އެވެ.

ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން މިފަހުން ވަނީ ޝަކުވާކޮށްފަ އެވެ.އަދި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved