

ރާއްޖެއަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.
މީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16 ޕަސެންޓް ދައްވުމެކެވެ. މި އަހަރު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހުރިހާ ތަފާސްހިސާބަކުން ވެސް ދައްކަނީ މިދިޔަ އަހަރަށްވުރެ މި އަހަރު އިމްޕޯޓް ޑިއުޓީ ލިބޭ މިންވަރު ދަށް ކަމަށެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 15.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 12.6 ބިލިއަން ރުފިޔާ އާއި ޓެކްސް-ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު 311.8 މިލިއަން ރުފިޔާ ހިމެނެ އެވެ.
އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޓެކްސް އާމްދަނީގެ ތެރެއިން މިދިޔަ އަހަރަށްވުރެ ދަށްވެފައިވަނީ އިމްޕޯޓް ޑިއުޓީއާއި ވިޔަފާރިތަކުން ނަގާ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކުހެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.23 ބިލިއަން ކަމަށްވާއިރު މިދިޔަ އަހަރުގެ މި މުއްދަތިގައި 1.46 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ފާއިތުވި އަހަރުތަކުގައި ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 1.8 ބިލިއަން ރުފިޔާ އިން އިތުރުވެފަ އެވެ.